ކުރީގެ ރައީސް އަބްދު ﷲ ޔާމީން އަވަހާރަކޮށްލަން 2015 ވަނަ އަހަރު ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލީ އެ އަހަރުގެ ސެމްޓެމްބަރު މަހުގެ ތެރޭގައި ޔާމީން ހައްޖަށް ކުރެއްވި ދަތުރަށް ފަހު އެނބުރި މާލެ ވަޑައިގަތް ދުވަހުއެވެ.
ލޯންޗު ގޮވި މައްސަލާގައި ޒަމީރުގެ މައްޗަށް ވަނީ އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. އެ ދައުވާކޮށް އޭނާ ސިފައިންގެ ވަޒީފާއިން ވަކިކުރީ އެ ލޯންޗުގައި ހުރި މުހިންމު ހެކިތަކެއް ހުއްދަ ނެތި ލޯންޗުން ބޭރުކުރި ކަމަށް ބުނެއެވެ. އެ މައްސަލާގައި ޒަމީރުގެ މައްޗަށް ކުށް ސާބިތުވެ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރި އެވެ. އެހެންނަމަވެސް އެ މައްސަލަ ހައިކޯޓްގައި އިސްތިއުނާފުކުރުމުން އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމައި ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލުކުރި އެވެ.
ޒަމީރު ވަނީ އޭނާ ވަޒީފާ އަލުން އިއާދަކޮށްދިނުމަށާއި ބަދަލުގެ ގޮތުގައި އެއް މިލިއަން ނަގާދިނުމަށް ދައުވާކޮށްފަ އެވެ. އެހެންނަމަވެސް ސިވިލް ކޯޓުން ވަނީ އެކަން ނުކޮށްދެވޭނެކަމަށް ނިންމާފަ އެވެ. މި މައްސަލަ ހައި ކޯޓަށް ޒަމީރު ހުށައެޅުންމުން އެކޯޓުން ވަނީ މޫސާ ޒަމީރަށް ނަގައިދެވޭނެ ގެއްލުމުގެ ބަދަލުގެ މިންވަރު ކަނޑައެޅުމަށް އަމުރުކޮށް ސިވިލް ކޯޓަށް މައްސަލަ ފޮނުވުމަށް ހުކުމްކޮށްފައެވެ. ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅީ މި ނިންމުމެވެ.