މިކަން އިއުލާނު ކުރެއްވީ ހަޔަ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އެވެ.
މިނިސްޓަރު މާރިޔާ ވިދާޅުވީ ޕޮލިޓެކްނިކް ޒަމާނާ އެއްގޮތަށް ރީބްރޭންޑް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އަދި މި ބަދަލާ އެކު ޒުވާނުންނަށް ބޭނުންވާ ތަފާތު ރޮނގުތަކުން އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ.
"ހަގީގަތުގައި މިހާރުގެ ޒުވާނުންނަށް އުފާވެރި މާހައުލެއްގައި ކިޔެވޭނެ މަގު ތަނަވަސްވެފައި އޮތުން މުހިއްމު. އެތަން ޒަމާނީކުރާއިރު އެންމެ ފަހުގެ މޮޑެލަށް، ޒަމާނީ ވަސީލަތްތަކާއެކު ކިޔަވައި ދޭނަން،" މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.
2010 ވަނަ އަހަރު އުފެއްދި ޕޮލިޓެކްނިކްގެ ކެމްޕަސްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާއިރު، މި ބަދަލާ އެކު ދަރިވަރުންނަށް ގެއިން ނުނިކުމެވެސް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.