
މި ފިލްމުގެ ފުރަތަމަ ބައި 2009 ވަނަ އަހަރު ނެރުނުއިރު އޭގައި ފެނިގެންގޮސްފައި ވަނީ ސާރާގެ ބައްޕަ، ސައިފް އަލީ ހާން އާއި ދީޕިކާ ޕަޑުކޯނެވެ. ފުރަތަމަ ފިލްމު ހިޓްވި ނަމަވެސް ދެ ވަނަ ފިލްމުވީ ފްލޮޕެވެ.
ލަވް އާޖް ކަލްގެ ކުރިން ސާރާ ފެނިގެންދިޔަ ދެ ފިލްމު ވެސް ވަރަށް ހިޓްވިއިރު ގިނަ ބަޔަކު ވަނީ ސާރާގެ މޮޅު އެކްޓިންއަށް ތައުރީފްކޮށްފަ އެވެ.
ފުރަތަމަ ފަހަރަށް ސާރާގެ ފިލްމެއް ނާކާމިޔާބުވިއިރު ސައިފް މިވަނީ ފިލްމަށް މާބޮޑު ތަރުހީބެއް ލިބިފައިނުވާތީ ދަރިފުޅަށް މެސެޖްކޮށް އޭނާ އޯކޭތޯ އަހާފަ އެވެ. އަދި ބުނީ ދަރިއަކަށް ދަތިކަމެއް ކުރިމަތިވުމުން އެހީވުމަކީ ބައްޕައެއްގެ ޒިންމާއެއް ކަމަށެވެ.
ސައިފް ބުނީ ސާރާއަކީ ވަރަށް ހިތްވަރުގަދަ ކުއްޖެއް ކަމުން މިކަމަކީ އޭނާއަށް މާބޮޑު ކަމަކަށް ނުވާ ކަމަށެވެ.
ސުޝާންތު ސިންގް ރާޖްޕުތް އާއެކު 2018 ވަނަ އަހަރު ބޮލީވުޑަށް ތައާރަފުވި ސާރާގެ ކުރިއަށް ދެ ފިލްމެއް އެބަ އޮތެވެ. އެއީ ކޫލީ ނަމްބަރު ވަން އާއި އަތްރަންގީ ރޭ އެވެ.