މައުލޫމާތު ލިބިފައިވާ ގޮތުގައި މި ސްކޮލަރޝިޕް ޕްރޮގްރާމުގެ އަމާޒަކީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެހީތެރިވުމެވެ. ސްކޮލަރޝިޕަށް ކުޅުންތެރިން ހޮވުމުގެ ކަންތައް ބަލަހައްޓާނީ އެމްއޯސީއިންނެވެ.
އެމްއޯސީގެ މެމްބަރު އެސޯސިއޭޝަންތަކަށް މި ސްކޮލަޝިޕަށް ނޮމިނޭޝަނަށް ހުޅުވާލެވޭނެއެވެ. މި ސްކޮލަރޝިޕްގެ ދަށުން ހުރިހާ ހަރަދަކާއެކު ރާއްޖޭން ބޭރުގެ ހައި ޕަރފޯމަންސް ޓްރެއިނިންގ ސެންޓަރުތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ހޮވޭ ކުޅުންތެރިންނަށް ލިބޭނެއެވެ.
ބީއެމްއެލް އާއި އޮލިމްޕިކް ކޮމިޓީން ވަނީ މި ސްޕޯޓްސް ސްކޮލަރޝިޕްތައް ދިނުމާއި ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފައެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި އޮލިމްޕިކްސް ކޮމިޓީގެ ރައީސް މުހައްމަދު އަބުދުއްސައްތާރެވެ.
މި ޕްރޮގްރާމްގެ ފުރަތަމަ ބެޗްގައި، ހަތަރު ކުޅިވަރަކުން ހަތް ކުޅުންތެރިން ކާމިޔާބުކަމާއެކު ތަމްރީނު ފުރިހަމަކޮށްފައިވެއެވެ. މިއީ ރާއްޖޭގައި އެންމެ މޮޅު ހުނަރުވެރި ކުޅުންތެރިން ތަމްރީނުކުރުމުގައި ކުރިއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ.