އާބަން ޑިވެލޮޕްމެންޓުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ގއ. ވިލިނގިލި ދާއިރާގެ ޕީއެންސީ މެންބަރު އާޒިމް އަބްދުލްއަޒީޒެވެ. އެ ބިލު ތަސްދީގު ކުރުމާއެކު މިއަދު ވަނީ ގާނޫނަކަށް ބަދަލުވެފަ އެވެ.
މި ބިލުގެ މައިގަނޑު ބޭނުންތަކުގެ ތެރޭގައި ހިމެނެނީ:
މި ގާނޫނުގެ ދަށުން ރާއްޖޭގައި އާބަން ސަރަޙައްދުތައް ކަނޑައެޅުމާއި، އާބަން ސަރަހައްދުތައް ތަރައްގީކޮށް ހިންގުމާގުޅޭ ގައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތިން ރައީސެވެ.
ރައީސް މިހާރު ވަނީ ހަތް ސަރަހައްދެއް ވެެސް ކަނޑައަޅުއްވާފަ އެވެ. އެއީ ރ. އުނގޫފާރާއި ބ. އޭދަފުއްޓާއި ޅ. ނައިފަރާއި އދ. މަހިބަދޫގެ އިތުރުން ފ. ނިލަންދޫ އާއި ދ. ކުޑަހުވަދޫ އާއި ލ. ފޮނަދު އެވެ.
މި ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ އުމްރާނީ ތަރައްގީގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާ އަށެވެ. އެއީ، މިހާރުގެ ގޮތުން ނަމަ މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓެވެ.
އާބަން ޑިވެލޮޕްމެންޓް ބިލާ މެދު ކޮމިޓީ މަރުހަލާގައި ލޯކަލް ގަވަމެންޓް މިނިސްޓްރީން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. މީގެ އިތުރުން އިދިކޮޅު އެމްޑީޕީން ބުނެފައި ވަނީ މި ބިލުން ލާމަރުކަޒީ ނިޒާމުގެ ހަމަތަކަށް ގުޑުން އަރައި، ކައުންސިލްތަކުގެ މަސައްކަތް ހަނިވެގެންދާނެ ކަމަށެވެ.