ހދ އަތޮޅު ކައުންސިލްގެ 20 މެމްބަރަކު ބެންކޮކަށް ދަތުރުކުރީ މިދިޔަ އަހަރުގެ ތެރޭގައެވެ.
މި ދަތުރާއި ގުޅިގެން އޮޑިޓް އޮފީހުން ނެރުނު ރިޕޯޓެއްގައި ބުނީ ހދ. އަތޮޅު ކައުންސިލުން ބެންކޮކަށް ކުރި ދަތުރުގައި އެ ކައުންސިލްގައި ހިމެނޭ 14 މެމްބަރުންގެ ތެރެއިން 13 މެންބަރަކާއި ސެކްރެޓަރީ ޖެނެރަލްގެ އިތުރުން ސީނިއާ މެނޭޖްމަންޓުގެ ހަ މުވައްޒަފުން ބައިވެރިވިކަމަށެވެ. އަދި 10 ދުވަސް ހޭދަކުރި މި ދަތުރަށް ޖުމުލަ 952،885 ރުފިޔާ ހަރަދުކޮށްފައިވާކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެ އެވެ.
އޮޑިޓް އޮފީހުން ބުނީ ކައުންސިލުން ދަތުރުގެ މަގުސަދުގެ ގޮތުގައި ބުނެފައިވަނީ ބައިވެރިންނަށް ތަޖުރިބާ ހޯދުމާއި ކެޕޭސިޓީ އިތުރުކުރުމާއި އަތޮޅުގެ ކުރިއެރުމަށް ކުރެވޭނެ ކަންކަމުގައި ތައިލެންޑްގެ އިންވެސްޓަރުން ހޯދަން މަގުފަހިކުރުންކަމަށެވެ.
އެހެންނަމަވެސް ދަތުރުކުރިތާ އަހަރު ވީއިރުވެސް މި ދަތުރުން ހޯދި ފަންނީ ކުރިއެރުމާއި ތަޖުރިބާ ހޯދައިގެން އަތޮޅުގައި އެއްވެސް މަޝްރޫއެއް ފަށާފައިނުވާކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި މި ދަތުރުން ކައުންސިލަށް އެކަށިގެންވާ މަންފާއެއް ނުލިބޭ ކަމަށްވެސް އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފަ އެވެ.
ދަތުރަށް ކުރި ހަރަދުތަކުގެ ތަފްސީލުތައް
- 20 ބައިވެރިންގެ ދަތުރު ހަރަދު ( 2 ދުވަސް ) 133،229 ރުފިޔާ
- ބެންކޮކް ޓިކެޓަށް 138،163 ރުފިޔާ
- ޑޮމެސްޓިކް ޓިކެޓަށް 72،020 ރުފިޔާ
- މާލެއަށް ކުރި ދަތުރަށް (2ދުވަސް) - 28،000 ރުފިޔާ
- ޕޮކެޓް މަނީ 46،260 ރުފިޔާ
- ތައިލެންޑް ޓްރެއިނިން އިންސްޓިޓިއުޓްގެ ފީ އަދި ކެއިންބުއިމުގެ ހަރަދު - 535،213
އޮޑިޓް ރިޕޯތްގައި ބުނީ އަތޮޅުގެ ތަރައްގީއަށް ފައިދާކުރާނެ ކަންކަމަށް ހަރަދުކުރުމުގެ ބަދަލުގައި މިދިޔަ އަހަރު ކައުންސިލަށް ލިބުނު އާމްދަނީއާއި ދައުލަތުގެ މާލިއްޔާއިން ދޭ ބްލޮކް ގްރާންޓުން ދިން ފައިސާގެ ބޮޑު ބައެއް ހޭދަކުރީމި ދަތުރަށްކަމަށެވެ.
އަދި މި ދަތުރުގެ ސަބަބުން އެކި ދަތުރުތަކަށް ކައުންސިލްގެ ބަޖެޓުގައި މިދިޔަ އަހަރު ކަނޑައެޅި 651،572 ރުފިޔާއަށް ވުރެ ގިނައި ބަޖެޓުން ހޭދަކޮށްފައިވާކަމަށްވެސް އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައެވެ.
ރަސްމީ ދަތުރުތައް ކުރާއިރު ފިނޭންސް މިނިސްޓްރީން ހުއްދަ ހޯދަން ޖެހުނު ނަމަވެސް، އެ ހުއްދަވެސް ހދ. އަތޮޅު ކައުންސިލުން ހޯދާފައިނުވާ ކަމަށްވެސް ރިޕޯޓުގައިވަނީ ފާހަގަކޮށްފަ އެވެ. އެހެންކަމުން ކައުންސިލްގެ ހަރަދުތަކަށް ޒިންމާވާ ފަރާތްތަކަށް ފިޔަވަޅު އަޅަން އޮޑިޓް ރިޕޯޓްގައި ފިނޭންސް މިނިސްޓްރީއަށް ވަނީ އަންގާފަ އެވެ.