
އެމްއެމްސީގެ އިންތިހާބު ވޯޓްލުން ބާއްވަން ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.
އިންތިހާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް ވޯޓާސް ލިސްޓަށް މިނިސްޓްރީން ވަނީ ބަދަލުތަކެއް ގެނެސްފައި އެވެ. މިކަމާއި އެ އިންތިހާބުގައި ވާދަކުރާ ބައެއް ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށް އެ ޝަކުވާތައް ޔޫތް މިނިސްޓްރީއަށް ވަނީ ހުށަހަޅައިފަ އެވެ.
ނޫސްވެރިން ހުށައެޅި ޝަކުވާތަކުގައި ވަނީ މީޑިއާ ކައުންސިލް އިންތިހާބުގެ އުސޫލުގައި ބުނާގޮތުން އިންތިހާބު ބޭއްވުމުގެ 15 ދުވަސް ކުރިން ދާއިމީ ލިސްޓް އިއުލާންކުރަން ޖެހޭކަމަށް ބުނެފައިވާކަމަށެވެ. އެހެންނަމަވެސް އިންތިހާބަށް ތިން ދުވަހަށް ވެފައި އޮއްވާ ވޯޓުގައި ރަޖިސްޓްރީކޮށްފައިވާ މީޑިއާތަކުގެ މަސްއޫލުވެެރިންނަށް ނޭނގި ލިސްޓަށް ބަދަލު ގެނެވިގެން ނުވާނެ ކަމަށްވެސް ނޫސްވެރިން ހުށައެޅި ޝަކުވާގެ ކަންބޮޑުވުންތަކުގައިވެ އެވެ.
މީގެއިތުރުން އިންތިހާބާ ބެހޭ އުސޫލުގައި ވޯޓުގެ ދާއިމީ ލިސްޓަށް ބަދަލެއް ގެންނަނަމަ އެ ބަދަލެއް ގެޒެޓުގައި އިއުލާން ކުރަންޖެހޭ ކަމަށް ބުނިނަމަވެސް މިނިސްޓްރީން އެފަދަ ވިސްނުމެއް ނުގެންގުޅޭ ކަމަށްވެސް ނޫސްވެރިން ހުށައެޅި ކަންބޮޑުވުމުގައިވެެ އެވެ.
އިންތިހާބުގެ ދާއިމީ ވޯޓާސް ލިސްޓަށްް ފަހު ވަގުތު މިނިސްޓްރީން ބަދަލު ގެނައުމުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެމްޖޭއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ އެ އިންތިހާބަށް ކުޑަތަންވެފައި ވަނިކޮށް އެ އިންތިހާބުގެ ދާއިމީ ވޯޓާސް ލިސްޓަށް ބަދަލުތައް ގެނައުމާއި އެ އިންތިހާބާ ގުޅޭ ބައެއް އިޖުރާއަތްތައް މިނިސްޓްރީން ކުރިއަށް ގެންދާ ގޮތުން އިންތިހާބާ މެދު ސުވާލު އުފެދި ސައްހަކަން ގެއްލޭ އެތައް ބައިވަރު ކަންތައްތަކެއް ހިނގަމުންދާ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
އެގޮތުން ވޯޓުލާން ރަޖިސްޓްރީ ކުރި ބައެއް މީޑިއާތަކުން ވޯޓުލާން ހަމަޖައްސާފައިވާ ފަރާތްތައް ކުއްލި ގޮތަކަށް ބަދަލު ކުރަން ހުށަހަޅައިގެން ކަމަށް ބުނެ ގެޒެޓް ކޮށްފައިވާ ދާއިމީ ވޯޓާސް ލިސްޓަށް މިނިސްޓްރީން ބަދަލުތަކެއް ގެނެސްފައިވާކަން އެމްޖޭއޭއިން ފާހަގަކުރި އެވެ.
މިހާރު އިއުލާން ކޮށްފައިވާ އެމްއެމްސީގެ އިންތިހާބު ކުރިއަށް ނުގެންގޮސް ލަސް ކުރުމަށް ގޮވާލައި އެމްޖޭއޭއިން ބުނީ އިންތިހާބު އިންތިޒާމު ކުރުމަށް މީޑިއާތަކާއި މަސްލަތުވެރިން ޝާމިލުވާނެ ގޮތަށް އިންތިހާބުގެ އިންތިޒާމު ކޮމިޓީއެއް ނަގައިގެން ދެފުށް ފެންނަ ގޮތެއްގައި ކުރިއަށް ގެންދިޔުމަށެވެ.