އޯޝެނޯހޮލިކް މޯލްޑިވްސް ބުނީ މިދުވަސްވަރު "ކޯން ސްނެއިލް" ރަސްފަންނު ސަރަހައްދުން ފެންނަކަމަށެވެ. އާއްމުކޮށް މި ސޮރުމެން ފެންނަނީ އިރުއޮއްސެން ކައިރިވުމުން ކަމަށްވެސް އެ ޖަމްއިއްޔާއިން ބުނެއެވެ. އެހެންކަމުން ހަވީރާއި ރޭގަނޑު ރަސްފަންނު ސަރަހައްދަށް މޫދަން އެރޭ ފަރާތްތަކުން ސަމާލުވުމަށް އެ ޖަމްއިއްޔާއިން ވަނީ ގޮވާލާފައެވެ.
ކޯން ސްނެއިލްއަކީ އާދައިގެ ބޮއްޔެއް ފަދައިން ލޮލަށް ފެންނަ އެއްޗެއް ނަމަވެސް އެއީ ވިހަ ގަދަ ޖަނަވާރެކެވެ. ބޮލީ ތެެރޭގައި އިންނަ ދިރޭ އެތި އިންސާނާގެ ގައިގައި ޖެހުމުން އޭގެ ވިހައިން ފުރާނައަށް ނުރައްކާވެ ބައެއް މީހުން މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. މިތަކެތީގެ ވިހަ ޖެހުމުން ނާރުގެ އެކި ބަލިތައް އިންސާނުންނަށް ޖެހޭކަމަށްވެސް ދިރާސާތަކުން ދައްކައެވެ.