އެތައް އަހަރެއް ވަންދެން އެ ސަރަހައްދުގައި އުޅޭ ބުޅާތަށް އަޅާލާ ބަލަހައްޓަމުން އަންނަ އެންޖީއޯ އެއް ކަމަށްވާ ފީލައިން ވެލްފެއަާ އޯގަނައިޒޭޝަނުން ވަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށް އެ އަނިޔާވެރި އަމަލު ކުށްވެރިކޮށްފައެވެ.
އަހަރުތަކެއް ވަންދެން އެ އޯގަނައިޒޭޝަނުން އައީ މެރީ ބްރައުން ޕާކިން އޭރިއާގެ، ގޯތިތެރޭގައި އުޅޭ ބުޅާތަކަށް އަޅާލާ، އެެއްޗެއްސަށް ކާންދީ އޯގާތެރިކަމާއެކު ބަލަަހައްޓަމުންނެވެ.
މިއަދު އެފަރާތުން ފޭސްބުކް ގައި ކުރި ޕޯސްޓްގައި ވަނީ މިފަހުން އައިސް ބުޅާތަަކަށް ބަޔަކު ގެއްލުންދޭ ކަން ފާހަގަވެފައިވާ ވާކަމަށެވެ. އެގޮތުން މިއަދު އެފަރާތަށް ފެނިފައިވަނީ މޭރީ ބަރްއައުން ޕާކިން ސަރަހައްދުގައި އުޅޭ ގިނަ ބުޅާތަކަށް ނޫކުލައިގެ ސްޕްރޭ ޖަހާފައި، އެ ކުލައިން އެސޮރުމެންގެ ކެހެރިތައް ފުރިފައިވާ މަންޒަރު ކަމަށެވެ.
ފީލައިން ވެލްފެއާ އިން ބުނީ އެއީ އަނިޔާވެރިކަމުގެ އަމަލެއް ކަމަށެވެ. އަދި އެއީ ހަަމއެކަނި އެސޮރުމެންނަށް ދިން އަނިޔާއެއް ނޫން ކަމަށާއި އެއީ އޭގެ ސަބަބުން ވިހަ ކެމިކަލްތަކުގެ ނުރައްކާ ބުޅާ ތަކަށް ކުރިމަތި ކުރުވާ ކަމެއް ކަމަށް އެފަރާތުން ފާހަގަކުރެއެވެ.
އޭގެއިތުރުން ބުޅާތަކުގެ ކާތަށްޓާއި ކާތަކެއްޗަށްވެސް ސްޕްރޭ ޖަހާފައި ހުރި ކަމަށާއި އޭގެން ހާމަވަނީ އެއީ ގަސްތުގައި ގެއްލުން ދިނުމަށް ކޮށްފައި ހުރިކަމެއް ކަަމަށް އެ އެންޖީއޯއިން ޕޯސްޓްގައި ފާހަގަކުރެއެވެ.
އެ އެންޖީއޯއިން ވަނީ ބުޅާތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް ސަލާމަތީ ފިޔަވަޅުތައް އެޅުމަށާއި އެކަށީގެންވާ ހިޔާވަހިކަމަކާއި އެސޮރުމެންގެ ބޭނުންތަކަށް ފުރިހަމައަށް ތައްޔާރުވެ، ވަސީލަތްތައް ގާއިމްކޮށްދިނުމަށް ގޮވާލާފައެވެ.
އޮޅު ހިޔާގެ ނަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަރުކޮޅުފުށި ސަރަހައްދުގައެވެ ބުޅާ ފެސލިޓީއެއް ގާއިމްކޮށް އެތަން ރަސްމީކޮށް ހުޅުވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 2 ވަަނަ ދުވަހުގައެވެ. އެކި ވަސީލަތްތަކާއެކު ފެސިލިޓީ އަޅާފައިވަނީ 5000 އަކަފޫޓުގެ ބިމެއްގައެވެ.
ބުޅާ ޝެލްޓަރު ހުޅުވުމަށްފަހު 6 މަސްދުވަހުގެތެރޭގައި މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ނަގާ އެތަނަށް ގެންދާނެކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އަދި މިދިޔަ ހަފްތާގައި ބުޅާތައް ނަގަން ތައްޔާރުވެފައި ވަނިކޮށް އެގްރިކަލްޗާ، އެނިމަލް ވެލްފެއާ މިނިސްޓްރީން ވަނީ މިވަގުތު ބުޅާ އެތަނަށް ގެންދިއުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް ބުނެ އެ ޝެލްޓާ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ.
އޭގެއިތުރުން އެސްއޯޕީތަކަށް ރިއާޔަތް ނުކޮށް އެތަނަށް ބުޅާތައް ގެންގޮސްފި ނަމަ، ބުޅާތަކުގެ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށާއި އެތަނުގައި ބުޅާތަކަށް ކާންދޭނެ އެއްޗެއްސާއި ފެން ވެސް މިވަގުތު ހޯދިފައި ނުވާ ކަމަށް މިނިސްޓްރީން ބުނެއެވެ.