
މަސްވެރިންގެ 44 ވަނަ ދުވަހާ ގުޅިގެން ދެއްވި ހިތާބުގައި ސިޔާމް ވިދާޅުވީ މަސް ކިރުމުގެ ދަތިކަމުގެ އިތުރުން މަހަށް އެކަށީގެންވާ އަގު ނުލިބުމުގެ ސަބަބުން މަސްވެރި އާއިލާތަކަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
މަސްވެރިކަމަކީ ދިވެހިންގެ އިގްތިސާދުގެ މައި ލޭނާރު ކަމަށާއި ގިނަ އާއިލާތަކުގެ އާމްދަނީ ބިނާވެފައިވަނީ މަސްވެރިކަމުގެ މައްޗަށް ކަމަށް ސިޔާމް ވިދާޅުވި އެވެ. އަދި މަސްވެރިންނަށް ދިމާވެފައިވާ މި ދަތިތައް ހައްލު ކުރުމަށް ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކުން މަސައްކަތް ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް އިތުރު މާކެޓުތައް ހޯދައި، މަހުގެ ތަފާތު އުފެއްދުންތައް އިތުރުކޮށް، ދުނިޔޭގެ ބާޒާރުގައި އެންމެ ރަނގަޅު އަގު ލިބޭ އުފެއްދުންތަކަކީ ދިވެހި އުފެއްދުންތައް ކަމުގައި ހެދުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް ސިޔާމް ވަނީ ވިދާޅުވެފަ އެވެ.