
ރައިސް ސާލިހް ވެރިކަމުގައި ގެއްލުމުގެ ބަދަލު ދިނުމަށް ސެޓުލްމެންޓް ކޮމެޓީގެ ނަމުގައި އޮތީ ކޮމެޓީއެއް އެކުލަވާލާފައެވެ. މި ސަރުކާރުން ވަނީ އެ ކޮމެޓީ އުވާލާފައެވެ.
މާލިއްޔަތު ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ ކުރީ ސަރުކާރުގެ ސެޓުލްމެންޓް ކޮމެޓީން ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާގެ ތަފްސީލުތައް ހޯދަންވެސް ނިންމާފައެވެ.
މިގެއިތުރުން އެ ކޮމޓީން ވަނީ ކުރީ ސަރުކާރުން ބައެއް ފަރާތްތަކަށް ބަދަލުދިން މައްސަލާގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި ދައުވާކުރަން ޖެހިންޖެ ނަމަ އެކަން ކުރަން ޕްރޮސެކިއުޓާ ޖެނެރަލަށް އަންގަންވެސް ނިންމާފައެވެ. ރައީސް ސާލިހްގެ އިތުރުން މިދިޔަ ސަރުކާރުގެ ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމާއި އެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވި ފައްޔާޒް އިސްމާއިލް މައްސަލަތައް ބަލާ ތަހުގީގުކުރަން އަންގަންވެސް ކޮމެޓީން ވަނީ ފާސްކޮށްފައެވެ.
ރައީސް ސާލިހާއި ޝިޔާމުގެ އިތުރުން ފައްޔާޒުގެ މައްޗަށް ޖިނާއީ ތަހުގީގުކުރަން ޕީޖީއަށް އަންގަން ކޮމެޓީއަށް ހުށައެޅުއްވި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހުއެވެ. އެ ހުށަހެޅުމަށް ތާއިދުކޮށްފައި ވަނީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. އެ ހުށަހެޅުން ފާސްކޮށްފައި ވަނީ ޖަލްސާގައި ބައިވެރިވެ ވޯޓުދިން ހަ މެންބަރުންގެ އިއްތިފާގުންނެވެ.
ކޮމެޓީގެ މި ނިންމުމާއި ގުޅިގެން އެ ކޮމެޓީގައި އިންނަވާ އެމްޑީޕީއަށް ނިސްބަތްވާ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދު ވަނީ އެތައް ބަޔަކު ތިބި ކޮމެޓީއެއްގައި ވަކި ތިން ބޭފުޅެއްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި ދައުވާކުރަން މަޝސައްކަތް ކުރަނީ ސިޔާސީ ބޭނުމެއްގއިކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން ސެޓުލްމެންޓް ކޮމެޓީން 2019 އިން 2023 ވަނަ އަހަރާ ހަމައަށް ސޮއިކޮށްފައިވާ ސެޓެލްމެންޓްތަކަކީ އުފެދުމުގައި ވެސް ބާތިލު އެއްބަސްވުންތަކެއް ކަމަށް ކޮމެޓީއަށް ފެންނާތީ، އެ އެއްބަސްވުންތައް ބާތިލުކޮށް ބަދަލުދީފައިވާ ނަމަ އެ އެއްޗެއް އަނބުރާ ދައުލަތަށް ނަގަން ބަންޑާރަ ނައިބާއި ކަމާގުޅުން ހުރި އިދާރާތަކަށް އަންގަންވެސް މާލިއްޔަތު ކޮމެޓީން ވަނީ ފާސްކޮށްފައެވެ. އަދި މާލިއްޔަތު ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގެ ބޭރުން އެއްވެސް ފަރާތަކަށް ބަދަލު ދީފައިވޭތޯ ބަލައި ބަދަލުދީފައިވާ ނަމަ އެ އެއްޗެއް އަނބުރާ ދައުލަތަށް ނަގަން އަންގަންވެސް ކޮމެޓީން ވަނި ނިންމާފައެވެ.