މި ބިލު ފާސްކުރީ 56 މެމްބަރުންގެ ވޯޓާއެކު އެވެ. މި ބިލާއި ދެކޮޅަށް 11 މެމްބަރަކު ވޯޓު ދެއްވި އެވެ.
މި ބިލު ދިރާސާކުރިއިރު މާލިއްޔަތު ކޮމިޓީން ބައެއް ބަދަލުތައް ގެނެސްފައިވެ އެވެ. އެގޮތުން ގެނައި މައިގަނޑު ދެ ބަދަލަކީ ޑޮލަރު މާރުކުރުމުން އިސްތިސްނާވާ އުމުރު 10 އަހަރުން 12 އަހަރަށް މަތިކުރުމާއި، ރިސޯޓަކުގައި މާލީ ދަތިކަމެއް ހުރިނަމަ، އާމްދަނީގެ 20 ޕަސެންޓަށް ވުރެ މަދުން ދައްކަން އެދުމުގެ އިހުތިޔާރު ދިނުމެވެ.
ރާއްޖޭގައި ބޭރު ފައިސާ ގެންގުޅުމާއި ޖަމާކުރުމާއި މާރުކުރުމާބެހޭ އުސޫލުތައް ބަޔާންކުރާ ބޭރު ފައިސާއާބެހޭ ބިލް ރައްޔިތުންގެ މަޖިލީހަށް ތައާރަފުކޮށްފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ.
ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ފަލާހް އެވެ.
ބިލްގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގައި ބޭރު ފައިސާ އިން ކުރެވޭ މުއާމަލާތްތަކާބެހޭ އުސޫލުތަކާއި ސިޔާސަތުތައް ކަނޑައެޅުމާއި ރާއްޖެއަށް ބޭރު ފައިސާ އެތެރެކުރުމާއި ރާއްޖެއިން ބޭރުކުރުމާބެހޭ އުސޫލުތަކާއި ސިޔާސަތުތައް ކަނޑައެޅުން ހިމެނެ އެވެ.
މީގެ އިތުރުން ބޭރު ފައިސާއިން ލިބޭ އާމްދަނީ އިން ބައެއް ރުފިޔާއަށް މާރުކުރުމާބެހޭ އުސޫލުތައް ކަނޑައެޅުމާއި އެނޫންވެސް ބޭރު ފައިސާ އާއި ބޭރު ފައިސާއިން މުއާމަލާތްތައް ކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުން ހިމެނެ އެވެ.
ބިލްގައިވާ ގޮތުން ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އެ މަހަށްފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކެއްގައި ހުޅުވާފައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ޓްރާންސްފާ ނުވަތަ ޖަމާކުރަންޖެހެ އެވެ.
ޓޫރިޒަމް ދާއިރާގެ މުދާ އަދި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން އެހެން ފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތަށް މީލާދީ އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15 މިލިއަން އެމެރިކާ ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބޭ ފަރާތްތަކުންވެސް ބޭންކަށް ފައިސާ ޖަމާކުރަން ޖެހެ އެވެ.
ބިލު ދިރާސާކުރުމަށް ބޭއްވި މާލިއްޔަތު ކޮމިޓީ ސިއްރުން ކުރިއަށްގެންދިޔައިރު ކޮމިޓީގައި ބޭރު ފައިސާއާ ބެހޭ ބިލު ފާސްކުރީ ބައެއް ބަދަލުތައް ގެނައުމަށްފަހުގަ އެވެ. އެގޮތުން ބޮޑު ދެ ބަދަލެއްގެ ގޮތުގައި ގެނައީ ޑޮލަރު މާރުކުރުމުން އިސްތިސްނާވާ އުމުރު 10 އަހަރުން 12 އަހަރަށް މަތިކުރުމާއި ރިސޯޓަކަށް މާލީ ދައްޗެއްވާނަމަ ރިސޯޓަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓަށްވުރެ މަދުން މާރުކުރަން އިހުތިޔާރު ދިނުމުގެ ބަދަލެވެ.
މީގެ އިތުރުން ލުއި ދެވޭނީ އެކަން އެމްއެމްއޭއިން ކޭސް ރިވިއުކުރުމަށްފަހުކަމަށްވެސް ކޮމިޓީން ގެނައި އިސްލާހުގައި ވަނީ ހިމަނައިފައެވެ.
ރާއްޖެއަށް ދިމާވެފައިވާ ބޭރު ފައިސާގެ މައްސަލަ ހައްލުކުރުމަށް ޤައުމީ ވިސްނުމެއްގައި އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ބިލަށް ބަހުސް ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.