މި ފަންޑް އިފްތިތާހުކުރީ އެމްއެމްއޭއިން ދެ ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ ރިސާޗް ކޮންފަރެންސްގަ އެވެ. ފަންޑް އިފްތިތާހުކޮށް ދެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މަހްމޫދު ޝައުގީ އެވެ.
އެމްއެމްއޭގެ މި ފަންޑުގެ އަމާޒަކީ ދިރާސާތައް ކުރުމަށް ހިތްވަރުދީ ދިރާސާ ކުރާ ފަރާތްތަކަށް ފަހި މާހައުލެއް ބިނާކުރުމެވެ. މި ފަންޑު އެމްއެމްއޭ އިން ފަށާފައިވަނީ އެއް މިލިއަން ރުފިޔާއާއެކު އެވެ.
އެމްއެމްއޭގެ ރިސާޗް ކޮންފަރެންސްގައި ވަނީ ދިރާސާ މަސައްކަތް ކުރުމަށް ދެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
އޭގެ ތެރެއިން އެއް އެއްބަސްވުމަކީ ދެމެހެއްޓެނިވި ކުރިމަގަކަށް ދިރާސާތައް ފުޅާކުރުމާއި އީޖާދީ އުފެއްދުންތައް ކުރިއެރުވުމަށް ދިރާގާއެކު ސޮއިކުރި އެއްބަސްވުމެކެވެ.
އަނެއް އެއްބަސްވުމަކީ އިގުތިސާދީ ދިރާސާތައް ކުރިއެރުވުމަށާއި ތައުލީމާއި އީޖާދުކުރުމުގެ ދާއިރާއިން އެކުގައި މަސައްކަތްކުރުމަށް މެލޭޝިއާގެ އިސްލާމް ސެލަންގޫރު ޔުނިވާސިޓީއާއެކު ސޮއިކުރި އެއްބަސްވުމެކެވެ.
މި ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ދިރާސާވެރިންނާއި މާލީ އިދާރާތަކުގެ ބޭފުޅުންނާއި އިގްތިސާދީ އަދި ފައިނޭންޝަލް ޓެކްނޮލޮޖީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކެއް ބައިވެރިވިއެވެ. މި ކޮންފަރެންސްގެ ފުރަތަމަ ސެޝަންގައި ގަވަރުނަރު އަހްމަދު މުނައްވަރުގެ އިތުރުން، އެމްއެންޔޫގެ ޗާންސެލަރު ޑރ. ޝައުގީ އަދި ރިޒާވް ބޭންކް އޮފް އިންޑިއާގެ ޑެޕިއުޓީ ގަވަރުނަރު ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.
މި ކޮންފަރެންސްއަކީ މަރުކަޒީ ބޭންކުން އިންތިޒާމުކޮށްގެން ބާއްވާ ފުރަތަމަ ރިސަރޗް ކޮންފަރެންސް އެވެ. މި ކޮންފަރެންސްގައި ކީނޯޓާއި ޕެނަލް ޑިސްކަޝަންތަކާއި ދިރާސީ ކަރުދާސްތައް ހުށަހެޅުމުގެ އިތުރުން ވޯކްޝޮޕްތައްވެސް ކުރިއަށް ދާނެ އެވެ. މިއަހަރުގެ ކޮންފަރެންސް ތީމަކީ "އިގްތިސާދީ ދިރާސާތައް ފުޅާކުރުމުގައި ދެމެހެއްޓެނިވި ކުރިމަގަކަށް ސިޔާސަތުތައް ބައްޓަންކޮށް އީޖާދުކުރުން" މެވެ.