ads
އާޒިމާ
3 މަސްތެރޭ 4.2 މިލިއަން ދައްކަން އާޒިމާގެ މައްޗަށް ހުކުމެއް
މާލޭ މޭޔަރުކަމަށް ކެމްޕެއިން ކުރައްވަމުން ގެންދެވި ދުވަސްވަރު، ކުރީގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރު، އިސްލާމިކް ބޭންކަށް 4 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން އޭނާގެ ގައިރު ހާޒިރުގައި ކުރި ހުކުމް ބާތިލުކޮށް، އަލުން އެ ހުކުމް ކޮށްފި އެވެ.
Advertisement

މިއީ މޯލްޑިވްސް އިސްލާމިކް ބޭންކާއި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ދެމެދު ގާއިމުކޮށްފައިވާ "މުޝާރަކާ އެގްރިމެންޓް" އެއްގެ ދަށުން އެ ބޭންކަށް އާޒިމާ ދައްކަން ޖެހޭ ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ އޮތުމުން އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން ފުރަތަމަ ކުރި ހުކުމެކެވެ. އެކަމަކު އޭރު އެ ހުކުމް އާޒިމާގެ މައްޗަށް އިއްވީ އޭނާގެ ޣައިރު ހާޒިރުގަ އެވެ. އެއީ ލޯނެއް ނަގައިގެން ފްލެޓެއް ގަނެފައިވާ މައްސަލައެއްގައި އެވެ.

ޑިމިނިޝިން މުޝަރަކާ ޕްރޮޕަޓީ ފައިނޭންސިން ފެސިލިޓީގެ ދަށުން މިއަދުގެ ނިޔަލަށް 4،030،856 ރުފިޔާ ބާކީ އޮތް ކަމާއި ޗެރިޓީގެ ގޮތުގައި އަރާފައިވާ 125،499 ރުފިޔާ އޮތް ކަން ޝަރީއަތަށް ސާބިތުވާ ކަމަށް، ގާޒީ ޒުލައިހާ ޝީޒާ ކުރެއްވި އޭރު ހުކުމުގައިވެ އެވެ.

ޑިމިނިޝިން މުޝަރަކާއަކީ އެސެޓެއް ނުވަތަ މުދަލެއްގެ ޖޮއިންޓް އޯނާޝިޕްގެ ގޮތެކެވެ. އޭގައި ޖޮއިންޓް އޯނަރުންގެ ތެރެއިން އެއްވެސް ފަރާތަކުން އަނެއް ޖޮއިންޓް އޯނަރުގެ މިލްކުވެރިކަމުގެ ހިއްސާ މަޑުމަޑުން ގަންނަމުން ގޮސް ޖޮއިންޓް އެސެޓް ނުވަތަ މުދަލުގެ މިލްކުވެރިކަން އެއްކޮށް ބަދަލުކުރެވޭނެ އެވެ.

މޭޔަރު ކަމަށް ސަރުކާރު ކެންޑިޑޭޓުގެ ގޮތުގައި ކެމްޕެއިން ކުރައްވަމުން ގެންދަވަނިކޮށް އިއްވި އެ ހުކުމްގައި އާޒިމާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ހުޅުމާލޭގެ ބިމަކާއި ފްލެޓެއް ރަހުނުގެ ގޮތުގައި ބަހައްޓާފައިވާއިރު، ފައިސާ ދައްކާ ނިމެންދެން ރަހުނުގެ އެއްބަސްވުމުގެ ދަށުން އިސްލާމިކް ބޭންކަށް ލިބިގެންވާ ހައްގުތަކާއި ބާރުތައް ދެމިއޮންނާނެ ބުނެފައިވެ އެވެ.

ގައިރު ހާޒިރުގައި އެ ހުކުމް ކުރުމުން، އާޒިމާ އެންމެ ފުރަތަމަ އެ މައްސަލަ ހުށަހެޅީ ހައިކޯޓަށެވެ. އެކަމަކު ހައިކޯޓުން އެ މައްސަލަ ބަލައި ނުގަތުމުން އަލުން ސިވިލް ކޯޓަށް ހުކުމް ރިވިއުކުރުމަށް އާޒިމާ ހުށަހެޅުއްވީއެވެ. އެ ހުކުމް ރިވިއު ކުރުމަށް ފަހު، މިއަދު އަލުން އިއްވި ހުކުމުގައިވަނީ ގައިރު ހާޒިރުގައި ކުރި ހުކުމް ބާތިލުކޮށްފައެވެ. އެކަމަކު މިއަދު އަލުންވަނީ 4.2 މިލިއަން ރުފިޔާ ތިން މަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސް ކުރުމަށް އާޒިމާއަށް އަންގާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް