ދައުލަތުގެ އިދާރާތަކުން ސްކޫލް ކުދިން ބައިވެރިކޮށްގެން ހިންގާ ހުރިހާ ހަރަކާތްތަކަށް މިނިސްޓްރީގެ ހުއްދަ ހޯދުމަށް ވެސް އަންގައިފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުހައްމަދު ސޮއިކޮށް، ސަރުކާރުގެ އިދާރާތަކާއި ކައުންސިލްތަކަށް ފޮނުވި ސާކިއުލާގައި ބުނެފައިވަނީ ސްކޫލްތަކުގައި ހިންގާ ހަރަކާތްތަކަކީ ދުރާލާ ރޭވިފައިވާ ކަންކަން ކަމަށް ވާން ޖެހޭނެ ކަމަށެވެ. އަދި އެ ހަރަކާތްތައް ސްކޫލްތަކުގެ އެކްޓިވިޓީ ކަލަންޑަރުގައި ހިމަނަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މިނިސްޓްރީން ބުނީ ބައެއް އިދާރާތަކުން މިނިސްޓްރީއާ މަޝްވަރާ ނުކޮށް ސްކޫލް ކުދިންނަށް އަމާޒުކޮށްގެން އެކި ހަރަކާތްތައް ހިންގަމުންދާ ކަމަށެވެ. މިކަމުގެ ސަބަބުން ކުދިންގެ ކިޔެވުމަށާއި ޓީޗަރުންނާއި ކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.
ކުއްލި ގޮތަކަށް ރާވާ މިފަދަ ހަރަކާތްތަކުގެ ސަބަބުން ސްކޫލްތަކާއި ބެލެނިވެރިންނަށް މާލީ ބުރަ ބޮޑުވެ، ސްކޫލްތަކުގައި ނުތަނަވަސްކަން އުފެދޭ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.