އިބުރާ ފޭސްބުކްގައި ވިދާޅުވީ ރާއްޖެއަށް ބިދޭސީން އައިސް އުޅެވޭނެ ގޮތްތައް ގާނޫނުގައި ބަޔާންކޮށްފައި އޮންނަ ކަމަށާއި، އެ ނޫން ގޮތަކަށް އެއްވެސް މީހަކަށް ރާއްޖޭގައި އުޅުމުގެ ހުއްދައެއް ނުދެވޭނެ ކަމަށެވެ.
ހަ މީހުންގެ މި އާއިލާ ވިސާ ނެތި ރާއްޖޭގައި ދިރިއުޅެމުން އަންނަތާ 12 އަހަރު ވެފައިވާ އިރު، އެ މީހުން ފޮނުވާލުމަށް އިމިގްރޭޝަނުން ވަނީ މަސައްކަތް ފަށައިފަ އެވެ. އެ އާއިލާގެ ދެ ކުއްޖަކު އުފަންވެފައިވަނީ ރާއްޖޭގަ އެވެ.
އިބުރާ ވިދާޅުވީ ރާއްޖެއަކީ ރެފިއުޖީން ބަލައިގަތުމުގެ ގާނޫނީ އޮނިގަނޑެއް އޮތް ތަނެއް ނޫން ކަމަށާއި، އިންސާނިއްޔަތަށް ޓަކައި ރެފިއުޖީން ގެންނަން ބޭނުންވާ ނަމަ، އެކަމަށް ގާނޫނު ހަދަންޖެހޭނެ ކަމަށެވެ.
މި އާއިލާއަކީ އިސްލާމްވެގެން އުޅޭ އާއިލާއެއް ކަމަށާއި، އެ އާއިލާގެ ކުދިންގެ މަންމަ މޫނު ބުރުގާ އަޅައިގެން އުޅޭ އިރު، ފްރާންސްގައި މޫނު ބުރުގާ އެޅުން މަނާ ކަމަށް ވެސް އެނގިފައިވެ އެވެ.