މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރެއްވި ގާނޫނުލްއުގޫބާތުގެ އިސްލާހާ އެކު އަމަލުކުރަން ފެށުނު ބަދަލެކެވެ.
މި އިސްލާހުގެ ދަށުން، ހުއްދަނެތި ކޮމްޕިއުޓަ ސިސްޓަމަކަށް އެކްސެސްވުމާއި، ކުށެއް ކުރުމަށް މަގުފަހިވާ ގޮތަށް ކޮމްޕިއުޓަ ސިސްޓަމަކަށް ވަނުމަކީ ކުށެކެވެ. މީގެ އިތުރުން ކޮމްޕިއުޓަ ޑޭޓާ އިންޓަސެޕްޓް ކުރުމާއި، ސިސްޓަމްތަކަށް އިންޓަފިއަ ކުރުމާއި، ނަހަމަ ގޮތުގައި ޑިވައިސްތައް ބޭނުންކުރުމާއި، ސައިބަ ވަޔަލަންސްގެ އަމަލުތައް ވެސް ވަނީ ކުށުގެ ގޮތުގައި ހިމަނާފައެވެ.
އާ ގާނޫނުގެ ދަށުން ކޮމްޕިއުޓަ ފޯޖަރީއާއި އޮޅުވާލުމުގެ އަމަލުތަކާއި، ކޮޕީރައިޓާ ގުޅޭ ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް ވެސް ވަނީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި މިފަދަ ކުށްތައް ތަހުގީގުކޮށް ދައުވާކުރުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އިތުރު ބާރުތަކެއް ލިބިގެންދާނެއެވެ.
ސްކޭމްގެ މައްސަލަތައް އިތުރުވަމުންދާތީ، ކުށްކޮށްގެން ހޯދާ ފައިސާ އަވަހަށް ހިފެހެއްޓުމާއި، އެފަދަ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވުމަށް ވެސް މި ގާނޫނުގައި ވަނީ އިތުރު ފިޔަވަޅުތަކެއް ހިމަނާފައެވެ.