
މަޓާޓޯއިން ބުނީ މި ސްކޭމް ހިންގަނީ "މޯލްޑިވްސް އެންޓްރީ މާލެ" ނަމަކަށް ކިޔާ ވެބްސައިޓަކުން ކަމަށާއި، އެ ވެބްސައިޓަކީ ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ހުއްދަ ދޫކުރާ ރަސްމީ ނިޒާމެއް ކަމަށް ބުނެ އޮޅުވާލަމުންދާ ކަމަށެވެ. އަދި އިތުރު މިފަދަ ވެބްސައިޓުތަކެއް ހަރަކާތްތެރިވަން ފަށާފައިވާ ކަމަށް ވެސް މަޓާޓޯއިން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް މަޓާޓޯއިން ބުންޏެވެ. އަދި މި ސްކޭމްގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ނޭދެވޭ އަސަރު ކުރާނެތީ، އިމިގްރޭޝަނާއި ފުލުހުންނާ ގުޅިގެން މައްސަލަ ތަހުގީގު ކުރުމަށް އެދިފައިވާ ކަމަށް ވެސް މަޓާޓޯއިން ހާމަކުރި އެވެ.
މަޓާޓޯއިން އިތުރަށް ބުނީ ރާއްޖެއަށް އެތެރެވުމަށް އެއްވެސް މުއައްސަސާއަކުން ވިސާ ފީއެއް ނުނަގާ ކަމަށެވެ. އަދި މި ސްކޭމްގެ ޝިކާރައަކަށް ވެގެން މިހާތަނަށް ބައެއް ފަރާތްތަކުން ރިޕޯޓު ކޮށްފައިވާ ކަމަށާއި، އިތުރަށް މިކަން ވެނުދިނުމަށް ޓޫރިސްޓުންގެ މެދުގައި ހޭލުންތެރިކުރުވުމުގެ ކެމްޕޭނެއް ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ވެސް މަޓާޓޯއިން ބުންޏެވެ.