އެރަށު މީހުން ބުނަމުން އަންނަނީ އެރަށު ނިއުލައިފް، އުމުރުން 50 އަހަރުގެ ޒަކިއްޔާ މޫސާ މަރުވެފައި އޮތް މައްސަލައަށް އިންސާފު ނުލިބޭ ކަމަށް ބުނެ ވާހަކަދެއްކި މީހަކަށް މިދިޔަ ބުރާސްފަތި ދުވަހު ހަމަލާދިން މައްސަލަ ބެލުމަށް އެދުމުން އިންވެސްޓިގޭޝަން އޮފިސަރެއް (އައިއޯ) ނެތް ކަމަށް ބުނެ ފުލުހުން އެ މައްސަލަ ނުބަލާ ކަމަށެވެ.
ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނު އިރު އޭނާގެ ކަރުގައި ފަސް ޒަހަމެއް ހުރި ކަމަށް ފުލުހުން ބުނެފައިވެ އެވެ. އޭގެ ތެރޭގައި ވަރަށް ފުން ޒަހަމުތަކެއް ހިމެނެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިނގި މާރާމާރީގައި އަނިޔާވި މީހާއަށް ހޮޅުދޫ ހެލްތު ސެންޓަރުން ފަރުވާ ދޭން ޖެހުނު ކަމަށާއި، ނަމަވެސް އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރު ނުކޮށް، މައްސަލަ ތަހުގީގު ނުކުރާ ކަމަށް އެރަށު މީހުން ބުނެއެވެ.
ފުލުހުން ބުނީ ޒަކިއްޔާގެ މަރުގެ މައްސަލައާ ގުޅިގެން އުފެދުނު ހިތްހަމަނުޖެހުންތަކާއި ޝަކުވާތަކާ ހެދި ބަޔަކު މީހުން ޕޮލިސް ސްޓޭޝަން ކައިރީ އަޑުގަދަކުރަމުން ގޮސްފައިވާ ކަމަށެވެ.