
"މޯލްޑިވްސް ޑިޒާސްޓާ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީ" ގެ ނަމުގައި އެކުލަވާލި މި ސްޓްރެޓަޖީ ފާސްކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސަތުގައި ބޭއްވުނު ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ކައުންސިލްގެ ބައްދަލުވުމުގައެވެ.
މިގޮތުން 2030 ވަނަ އަހަރާ ހަމައަށް އަމާޒުކޮށްގެން އެކުލަވާލާފައިވާ މި ސްޓްރެޓަޖީގެ މައިގަނޑު މަގްސަދަކީ މޫސުމީ ބަދަލުތަކާއި އެހެނިހެން ގޮތްގޮތުން ކުރިމަތިވެދާނެ ކާރިސާތަކުން ރާއްޖޭގެ ތިމާވެށްޓާއި ބިނާވެށި ރައްކާތެރިކުރުމެވެ. މީގެ އިތުރުން ރައްޔިތުންގެ ގެދޮރާއި މުދާ ހިމާޔަތްކުރުމާއި، ކާރިސާތަކަށް ކުރިއާލާ ތައްޔާރުވުމަށްވެސް މި ސްޓްރެޓަޖީގައި އަމާޒުކޮށްފައިވެއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މި ސްޓްރެޓަޖީ ފާސްކުރުމުގެ ސަބަބުން ގުދުރަތީ ކާރިސާތަކުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ. އަދި މި ދާއިރާގައި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށްވެސް މަގުފަހިވެގެންދާނެއެވެ.
ރާއްޖެއަކީ ޑިޒާސްޓާ ރިސްކް ރިޑަކްޝަނާއި ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ގުޅުވައިގެން މިފަދަ ސްޓްރެޓަޖީއެއް އެކުލަވާލާފައިވާ މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. މި ސްޓްރެޓަޖީގެ އެއް އެނެކްސް ވަނީ ޕެރިސް އެގްރިމަންޓާއި ސެންޑާއި ފްރޭމްވާކް ގުޅުވައިގެން ރާއްޖޭގެ ވިލުންވެރިކަން އިތުރުކުރުމަށް ހާއްސަކޮށްފައެވެ.
- ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އަމާޒުކޮށްފައިވާ ސްޓްރެޓަޖީއެއް
- ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަނާއި ޑިޒާސްޓާ ރިސްކް ގުޅުވާލައިގެން ސްޓްރެޓަޖީ އެކުލަވާލި މަދު ގައުމުތަކުގެ ތެރެއިން ރާއްޖެއަކީ އެއް ގައުމު
- ޕެރިސް އެގްރިމަންޓާއި ސެންޑާއި ފްރޭމްވާކް ގުޅުވައިގެން ވިލުންވެރިކަން އިތުރުކުރުމަށް މަސައްކަތްކުރާނެ