ads
ފްލެޓް މައްސަލައިގައި ދައުވާކުރަން މަޝްވަރާތައް ފަށައިފި
ރައީސް ސޯލިހުގެ އެޑްމިނިސްޓްރޭޝަނުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތަކުގެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހާ އެކު މަޝްވަރާތައް ފަށައިފި އެވެ.
Advertisement

ރައީސް ސޯލިހުގެ އެޑްމިނިސްޓްރޭޝަނުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އަޅަން ފަށާފައިވާ 4000 ފްލެޓް ލިބޭނެ މީހުން ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް އެކަން ކޮށްފައިވަނީ އުސޫލުން ބޭރުން ކަމަށާ ހައްގު ނޫން އެތައް ބަޔަކަށް ފްލެޓް ލިބޭ ކަމަށް ބުނުމުން އޭސީސީން ވަނީ ތަހުގީގެއް ހިންގާފަ އެވެ. މިދިޔަ ސަރުކާރުގައި ޒިންމާއާ މަސްއޫލިއްޔަތުން "ރެކިގެން" އޮތް އޭސީސީން ހިންގި ތަހުގީގުން ކަނޑައެޅީ ލިސްޓް ސައްހަ ނޫން ކަމަށެވެ.

އެ މައްސަލާ ގައި އޭސީސީން މިރޭ ބުނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޫކުރުމުގެ މައްސަލާ ގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާކޮށް ދިނުމާމެދު ގޮތް ނިންމުމަށް ޕީޖީ އޮފީހާ އެކު ރަސްމީކޮށް އެ ކޮމިޝަނުން ޑިއުޓީ ޕްރޮސިކިއުޝަން ފަށާފައިވާ ކަމަށެވެ.

"އާންމު މަސްލަހަތު ބޮޑު މިމައްސަލައިގެ ޑިއުޓީ ޕްރޮސެކިއުޝަންގެ މަރުހަލާ ނިންމައި ދައުވާ ކުރެވޭނެ ފަރާތްތަކުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދެން ކުރަންޖެހޭ މަސައްކަތްތައް މިކޮމިޝަނުން ވީއެންމެ އަވަހަށް ކުރަމުން ގެންދާނެ ވާހަަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" އޭސީސީގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.

ފުލެޓުތައް ދޫކުރުމުގައި މައްސަލަ އުޅޭ ކަމަށް ބުނެ، އޭސީސީ އިން މައްސަލައެއް ބެލި އެވެ. އެ މައްސަލަ ބެލުމަށްފަހު މިދިޔަ ފެބްރުއަރީ މަހު އޭސީސީން ވަނީ ބައެއް ކަންތައްތަކަށް ރިއާޔަތްކުރުމަށް ފަހު ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހުއްދަ ދީފަ އެވެ. ނަމަވެސް މިހާތަނަށް އައިއިރު ވެސް ފްލެޓްތައް ހަވާލުނުކުރާތީ ފްލެޓް ލިބުނު ފަރާތްތަކުން ދަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކޮށް، ދޭތެެރެ ދޭތެރެ އިން އިހުތިޖާޖު ވެސް ކުރަމުންނެވެ.

ހައުސިން މިނިސްޓްރީން ބުނީ ގެދޮރުވެރިޔާ ސްކީމްގެ އުސޫލުގެ ދަށުން ހުށަހަޅާފައިވާ 20،697 އެޕްލިކޭޝަން ފޯމް ބެލުމުގައި ކަށަވަރު ކުރަންޖެހޭ ގިނަކަންކަން ހުރުމާ ގުޅިގެން އެ މަސައްކަތްތައް ނިންމުމަށް އިތުރު މުއްދަތު ބޭނުންވާ ކަމަށެވެ. އެގޮތުން އެ ސްކީމުގެ ވަގުތީ ލިސްޓާއި ރީ-އިވެލުއޭޝަނާ ގުޅިގެން ކުރިއަށް ގެންދެވުނު މަސައްކަތްތަކުގެ ތަފްސީލުތައް މަސައްކަތް ނިމުނުހާ އަވަހަކަށް އާންމު ކުރާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ރައީސް މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުން ފްލެޓް ލިސްޓާ ކުޅެ ސަރުކާރުން ބޭނުންވާ ބަޔަކަށް ފްލެޓް ދޭން އުޅޭ ކަމުގެ ތުހުމަތުގެ އަޑު ވަރަށް ގަދަ އެވެ. ނަމަވެސް ހައްގުވެރިއެއްގެ އަތުން ފުލެޓް އަތުނުލާނެ ކަމަށް ރައީސާއި ސަރުކާރުގެ ވެރީން ދަނީ ވިދާޅުވަމުންނެވެ.

ރައީސް ސޯލިހުގެ އެޑްމިނިސްޓްރޭޝަނުން ހިންގި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ޝަރުތު ހަމަނުވާ ބަޔަކަށް ބިންތަކެއް ދިން މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގަން ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ފުލުހުންނަށާއި އޭސީސީއަށް މިދިޔަ ބުރާސްފަތި ދުވަހު ވެސް ވަނީ އަމުރެއް ކުރައްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް