ads
ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހް-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
ފަސް އަހަރަށް ރައްޔިތުންގެ އަތް އޮތީ ބަނދެވިފައި، މިކަން ނިމެން ޖެހޭ: ސައިފް
ވޯޓުން އިންތިހާބު ކުރާ މީހުން ބަދަލު ކުރަން ނުވަތަ އެމީހުންނާއި މެދު ބަހެއް ބުނަން ރައްޔިތުންނަށް ފުރުސަތު މި ލިބެނީ ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ކަމަށާއި މިއީ "ފަސް އަހަރަށް ރައްޔިތުންގެ އަތް ބަނދެލުން" ކަމަށް ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު ވިދާޅުވެއްޖެ އެވެ.
Advertisement

ސައިފް މިހެން ވިދާޅުވީ ސީއެންއެމް އިން ގެނެސްދޭ "ނޭޝަން ޓޯކް" ޕޮޓްކާސްޓް ގައި ވާހަކަ ދައްކަވަމުންނެވެ. 

"ސީއެންއެމް" އިން އަންނަނީ ދައުލަތް ނުވަތަ ސަރުކާރު ހިންގުމަށް މިހާރުއޮތް އޮނިގަނޑު ބަދަލުކޮށް، ބޮޑުންގެ ގޭދޮށުގައި މުގޯލި އަޅަން ނުޖެހި ދިރިއުޅެވޭނެކަން ކަށަވަރުވާ ފަދަ ހިންގުމުގެ އާ އޮނިގަނޑެއް ހޯދުމަށް ރައްޔިތުން ހޭލުންތެރި ކުރުމަށް މަސައްކަތްތަކެއް ކުރަމުން ނެވެ.

"ނޭޝަން ޓޯކް"ގެ 10 ވަނަ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ދަ ޑިމޮކްރެޓްސްގެ ކައުންސިލް މެންބަރު ކަން ވެސް ކުރައްވާ ސައިފް ވިދާޅުވީ ގާނޫނު އަސާސީގެ 4 ވަނަ މާއްދާގައި ބުނާ "ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމި އޮންނަނީ ރައްޔިތުންގެ ކިބައިގައެވެ" މީ އޮޅުމަކުން ލާފަ އޮތް މާއްދާ އެއް ނޫން ކަމަށާއި ނަމަވެސް ބާރުތައް ރައްޔިތުން އަތުގައި ދެމި އޮންނަތަން ނުފެންނަ ކަމަށެވެ. 

ދެމިއޮތުމުގެ މާނައަކީ އެމީހާ އެ އިންތިހާބު ކުރާ މީހުންގެ މައްޗަށް ބާރު ފޯރުވުމުގެ އިހުތިޔާރު ރައްޔިތުންނަށް ލިބިފަ އޮތުން ކަމަށެވެ. ނަމަވެސް މިހާރު ރައީސުލްޖުމުހޫރިއްޔާ ނޫނީ މަޖިލިސް މެންބަރަކު ހޮވުމަށްފަހު އެމީހުން ރައްޔިތުންގެ އަޑު އަހާކަށް ނުޖެހޭ ކަމަށާއި އަދި ރައްޔިތުންނަށް ފިލައިގެން އުޅުނަސް އެބޭފުޅައަށް ހަމަ މުސާރަވެސް ލިބޭ ކަމަށެވެ.

ސައިފް ވިދާޅުވީ ވޯޓުން ހޮވޭ މީހާ ވޯޓުން ބޭރުކުރެވެން ޖެހޭ ކަމަށާއި ޖަވާބުދާރީ ކުރުމުގެ ފަންކުޝަނަކަށް ރައްޔިތުން މަޖިލީހެއް އޮތް ނަމަވެސް އެއީ ޕްރެކްޓިކަލީ ނުވާކަމެއް ކަން، ނުކުރެވޭ ކަމެއް ކަން ގަބޫލުކުރަން ވެއްޖެ ކަމަށެވެ.

"އެ ބޭފުޅާ ވަކިކުރަން އަޅުގަނޑު ވަކި ދާނެ ތަނެއްވެސް ނެތް، ބުއްދި ސަލާމަތުން ހުރި ކަމުގައި ވާނަމަ އޭނައަށް އެ މަގާމްގަ ހުރެވޭ ކޮންމެ ގަނޑެއް ގަތަސް، އެހެން ވީމަ ތި ވިދާޅުވާ ބާރު ރައްޔިތުންނަށް މިލިބެނީ ފަސް އަހަރުން އެއް ފަހަރު. އެއަށްފަހު އަނެއްކާވެސް އަތް ބަނދެވިފަ މިތިބެނީ. އެހެން ވީމަ ހެދި އެއްޗެއް ހެދިގެން 5 އަހަރު ވަންދެން އަނގަނަގައިގެން ތިބެން މަޖުބޫރު ވާ ނިޒާމް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ" ސައިފް ވިދާޅުވި އެވެ.

ސައިފް ވިދާޅުވީ ފެހި ގާނޫނު އަސާސީން މި ލިބުނު ތަޖުރިބާ އަށް ބަލާ ހިންގުމުގެ އޮނިގަނޑުން ރަނގަޅު ކުރަން ނުވަތަ ޒަމާނާއި އެއްގޮތަށް އިސްލާހް ކުރަން ހުރި ކަންކަން ފެންނަން ފަށައިފި ކަމަށެވެ. ސައިފް ފާހަގަކުރެއްވި ގޮތުގައި 2008 ގެ ގާނޫނު އަސާސީ އަށް ފަހު މިހާރު އެތަށް އަހަރެއް ވޭތުވެގެން ދިޔައިރު، އަސާސީ އޮނިގަނޑަށް ބަދަލަށް އައިސްފައި ނުވާ ކަމަށާއި ނަމަވެސް، އަސާސީ މައްސަލަތަކެއް މި އޮނިގަނޑުން ފާހަގަ ވާ ކަމަށެވެ. އެހެން ކަމުން ހިންގުމުގެ އޮނިގަނޑު އިސްލާހުނުކޮށް ތިބުމަކީ މޮޔަ ހިޔާލެއް މޮޔަ ވިސްނުމެއް އަދި މޮޔަކަމުގެ އިންތިހާ ކަމަށެވެ.

ދިވެހި ރާއްޖޭގެ ވެރިކަމުގެ ބާރުތަށް ދިވެހި ދައުލަތުގެ ބާރުތައް އެޑްމިނިސްޓަރ ކުރެވެނީ މެނޭޖް ކުރެވެނީ ރައްޔިތުން އެކަމަށް އިންތިހާބު ކުރާ ބައެއް ރައްޔިތުން ރުހުން ދީގެން ރައްޔިތުން އިންތިހާބުކުރާ ބައެއް މެދުވެރިކޮށް ކަން ފާހަކުރައްވާ ސައިފް ވިދާޅުވީ މި ހާލަތުގައި ވެރިކަމުގެ ބާރުތަށް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ނަމަވެސް އެބާރުތައް ރައްޔިތުންގެ ކިބައިގައި ދެމި އޮވޭތޯ މިއީ މިއަދު ކުރަންޖެހޭ ސުވާލެއް ކަމަށެވެ. 

"މިސާލަކަށް އަޅުގަނޑުމެން އިންތިހާބުކުރަން އެބަ ރައްޔިތުންގެ މަޖިލިސް މެންބަރުން ފަސް އަހަރު ދުވަހުގެ މުއްދަތައް. އެހެން ނަމަވެސް އެ ފަސް އަހަރު ދުވަހުގެ މުއްދަތު ތެރޭ އެއިން ބޭފުޅަކުން މަގާމުން ވަކި ކުރެވޭނެ ގޮތެއް ޕްރެކްޓިކަލީ ނޯވެ އިނގޭތޯ. ވިދާޅުވާނެ ނޫނެކޭ، ލިޔުމުގަ އެބަ އޮތޭ އޭގެ އިޖުރާއަތްތަށް އެހެން ނަމަވެސް ޕްރެކްޓިކަލީ ކަން ހިގާ ގޮތަށް ބަލާއިރު އޭކީ ވާން އޮންނަ ކަމެއް ނޫންކަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ދިވެހިރާއްޖޭގެ މިފަހުގެ ސިޔާސީ ތާރީހް މިއޮތީ ފެންނަން" ސައިފް ވިދާޅުވި އެވެ.

ސައިފް ވިދާޅުވީ ތިން ބާރެއް ވަކިވެފައި އޮތް ކަމަށް ބުނި ނަމަވެސް ރައީސުލްޖުމުހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރުތަކާއި އެކުޒެކްޓިވް ޕަވާގެ ބޮޑުކަމުން އެބާރުގެ ކުރިމަތީގައި އެހެން އެއްވެސް އެހެން ބާރަކަށް އެއްޗެއް ބުނެވޭ ގޮތް ނުވެ، ހަގީގަތުގައި ހިރިލެވޭނެ ގޮތެއް ނެތް ކަމަށެވެ. މިހާލަތުގައި ހަގީގަތުގައި ބާރުތަށް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ނަމަވެސް މި ބާރުތައް ދެމި އޮންނަނީ ރައްޔިތުންގެ ކިބައިގައި ނޫން ކަމުގެ އިހްސާކުރެވޭ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި މިހާރު ޕޮލިޓިކަލް ކަލްޗަރ އަށް ބަލާއިރު އަދި މިހާރު މިހިރަ ދުސްތޫރީ އިންސްޓިޓިއުޓް ތަކަށް ބަލާއިރު ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ އެއް މިހޮވެނީ ނަމެއްގައި ކަމަށާއި ހަގީގަތުގައި ބާރާއި އިހްތިޔާރުގެ ގޮތުން ބަލާނަމަ ފެންނަނީ "ރަސްކަލެއް" ކަމަށް ބުނެވި ދާނެ ކަމަަށެވެ. 

ސައިފް ވިދާޅުވީ ވޯޓުން ހޮވޭ މީހާ ވޯޓުން ބޭރުކުރެވެން ޖެހޭ ކަމަށާއި ޖަވާބުދާރީ ކުރުމުގެ ފަންކުޝަނަކަށް ރައްޔިތުން މަޖިލީހެއް އޮތް ނަމަވެސް އެއީ ޕްރެކްޓިކަލީ ނުވާކަމެއް ކަށް ނުކުރެވޭ ކަމެއް ކަން ގަބޫލުކުރަން ޖެހިއްޖެ ކަމަށެވެ.

ގާނޫނުގައި ލިޔެފާ އޮތަސް މަޖިލީހަށް ސަރުކާރު ޖަވާބުދާރީ ނުކުރެވޭ ސަބަބުތައް ފާހަގަ ކުރައްވާ ސައިފް ވިދާޅުވީ މި ސަބަބު ތަކަކީ މާ ކޮމްޕްލިކޭޓެޑް ނޫނިއްޔާ މާ އިލްމީ ސަބަބުތަކެއް ނޫން ކަމަށެވެ. އަދި އެއީ ދިރާސާ ކޮށްގެން ހޯދަން ޖެހޭ ސަބަބުތަކެއްވެސް ނޫން ކަމަށެވެ. އެކަމަށް ބާރު ދެމުން ސައިފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ސަރުކާރުގެ އެމްޑީއަކު ޖަވާބުދާރީ ކުރުވަން، ނޫނިއްޔާ ހައުސިން މިނިސްޓަރ ޖަވާބުދާރީ ކުރުވަން އޭނަ މައްޗަށް އޮތް ކޮރަޕްސަންގެ އަމަލެއްގެ ވާހަކަ ދައްކަން ފެށުމާއި އެކު، އެރަށުގެ އޮންނަ ޕްރޮޖެކްޓް ހުއްޓާލަނީ ކަމަށެވެ. 

އަދި އެމްޑީ ވަޑައިގެން އެރަށު ރައްޔިތުން ކައިރި އެމީހުންގެ މެންބަރުގެ އުނދަގޫ ބޮޑު ކަމުގެ ޝަކުވާ ކުރާ ކަމަށާއި އަދި އެ ރަށުގައި ހިންގަން އޮތް މަސައްކަތް މަޑު ޖެހެނީ އެމްޕީ ގެ ސަބަބުން ކަމަށް ބުނާ ކަމަށާއި އެހެން ވީމަ އޭނަ މައިތިރި ކުރާށޭ އޭނަ ހަންމޮށި އަޅައިގެން މައިތިރި ކުރުމުން ޕްރެޖެކްޓް ހިނގާނޭ ރައްޔިތުން ގާތު ބުނާ ކަމަށެވެ. މި ފަދަ ވާހަކަ ތަކުން ރައްޔިތުންގެ ދަތި ފިލުވުމަށް މި ފަދަ ނާ-އިލްމީ ސަބަބެއްގެ މައްޗަށް މަޖިލިސް ތަޅުމުގައި މެންބަރު "ހަނު" ހުންނަ ކަމަށެވެ. ނަތީޖާ އަކީ މަޖިލީހުން ސަރުކާރު ޖަވާބު ދާރީ ކުރުވުމަކީ މިއަދު ލިޔުމުގައި އޮތް އަމަލުގައި ނެތް ކަމެއް ކަމަށެވެ.

ވަޒީރުން، އަމީރުން، މުދީރުންގެ ނަމުގައިވެސް މީހުން އައްޔަނުކުރައްވަމުން ގެންދަވަންވީ، އެމީހުންގެ ހައްދެއް ހުދޫދެއް ނެތް ކޮންމެ ބޭނުމެއްގައިވެސް އައްޔަނު ކުރައްވީ. އެބޭފުޅުން ކޮލިފިކޭޝަން އެއްވެސް ހުންނާކަށް ނުޖެހޭ، އެސްއޯއީތައް ހައްދަވަމުން ގެންދަވަންވީ، ކޮންމެ ފަދަ ވިޔަފާރިއެއްގެ ތެރެއަށްވެސް ވަދެ ވަޑައިގަންނަވަންވީ މިހެން ގޮސް ހުރި އިހުތިޔާރުތަކާއި ބާރުތަކުގެ ވާހަކަ ދެން ދައްކާނެ ކަމެއް ނެތް އިނގޭތޯ، މިޒަމާނުގެ ރަސްކަލެއްގެ ކޮންސްޓީއުޝަނަލް މޮނާކީއެއްގަވެސް ނުހުންނާނެ މިންވަރުގެ ބާރުތައް ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ އަށް ލިބިފަހުރީ. އެހެންވީމަ އެއް ކަމަކީ ރައީސުލްޖުމުހޫރިއްޔާގެ މުތުލަގު އިހްތިޔާރުތަކާ ބާރުތައް. ދެ ވަނަ ކަމަކީ ރައްޔިތުން މަޖިލިސް އެކުލެވިގެންވާ ގޮތް. ބާރާއި އިހުތިޔާރުތަށް އަޅުގަނޑުމެން އެބަ ރެވިއުކުރަން ޖެހޭ، ކުޑަކުރަން ޖެހޭ، ހިފެހެއްޓުމަށް އެބަގެންނަށްޖެހޭ. އެއަށް ހައްދުތަކަކާއި ހުދޫދްތަކެއް އެބަލާންޖެހޭ އިނގޭތޯ." އާ ހިންގުމުގެ އޮނިގަނޑެއްގައި ބާރުވެރިކަން ދެމި އޮންނަކަން ޔަގީން ކުރުމަށްޓަކައި ލިސްޓު ކުރާނަމަ ގެންނަން ހުރި ކަންކަމަކީ ކޮބާތޯ ސުވާލުކުރުމުން ސައިފް ވިދާޅުވި އެވެ.

ސައިފް އިތުރަށް ވިދާޅުވީ ހިފެހެއްޓުމެއް ނެތި އެއްގޮތަކަށްވެސް އިންސާނަކަށް ބާރު ދިނުމަކީ މިޒަމާނުގެ ގަވަނަންސް ސިސްޓަމް ޑިމޮކްރެޓިކް އުސޫލްތައް ގަބޫލުކުރާކަމެއް ނޫން ކަމަށާއި މީހަކު ހެޔޮވާނެކަމަށް އޭނަގެ ހެޔޮކަމަށް، އެމީހާގެ ހެޔޮފުޅުކަމަށް އިހުތިޔާރަށް "ބާރު" ދޫކޮށްލާފައި އޮވެގެން ނުވާނެ ކަމަށެވެ. އެހެން ކަމުން ރައްޔިތުންގެ ބާރު ރައްޔިތުން އަތުގައި ދެމި އޮންނަކަން ކަށަވަރު ކުރުން ޕަބްލިކް އޮޕީނިއަންތަކާއި މަޖިލިސް ކޮމްޕޮޒިޝަން އާ ރިކޯލް ކުރެވޭނެ ގޮތްތަކަށް ދުނިޔެ ބަދަލުވެއްޖެ ކަމަށެވެ.

އިންސާނުންނަކީ ވަރަށް އިމޯޝަނަލް ކުރިއޭޗަރ އެއް ކަން ފާހަގަކޮށް ސައިފް ވިދާޅުވީ ނަގުލަކާ ދަޅަކާ މަދު މީހަކު ވެރިކަމަށް އަޔަސް ނުބައި ވެރިކަމެއް ނުކުރެވޭނެ ގޮތަށް އަޅުގަނޑުމެންގެ ސިސްޓަމް ރޭވެން ޖެހޭ ކަމަށެވެ. އަދި ރައްޔިތުންނަށް ހަމައެކަނި އޮތް ގޮތަކީ އަޖަލް ޖެހެންދެން ހެޔޮވެރިއަކު ދެއްވާތޯ ދުއާކުރުމެއް ނޫން ކަމަށާއި "ހިންގުމުގެ އޮނިގަނޑު" ވެސް ރަނގަޅުކުރަން ވެއްޖެ ކަމަށެވެ. އަދި ވިދާޅުވީ ކޮންމެ ފަދަ މީހަކު ގެނެސް ލިޔަސް މި ނިޒާމުގަ ވަކި ޕެރެމީޓާސް ތަކެއްގެ ތެރޭގައި ނޫނީ އޮޕަރޭޓް ނުކުރެވޭފަދަ ފުލް ޕުރޫފް އާ ނިޒާމެއް ހިމެނޭ ހިންގުމުގެ އޮނިގަނޑެއް ހަދަން ޖެހިއްޖެ ކަމަށެވެ. 

ސައިފް އަދި ވިދާޅުވީ ވެރި މީހާއަށް އަށް ފަސް އަހަރު ވަންދެން ގައުމު ލޫޓްވާލަން ދިނީމަ ލިބޭ ގެއްލުން މިހާރު ފެނިއްޖެ ކަމަށާއި ފަސް އަހަރަކީ ނަގުދުކޮށް ފަޅު ރަށެއް ހެން ލިޔުއްވާފަ، އިންތިހާބީ މަގާމުގައި ހުންނަ މީހާއަށް އޮތް އެއްޗެއް ނޫން ކަމަށެވެ. އަދި ރައްޔިތުންނަށް ހިދުމަތް ކުރުމަކީ ރައްޔިތުން ހަވާލުކުރާ އަމާނާތެއް ކަމަށާއި އެ އަމާނާތް ރަނގަޅަށް ނުބަލަހައްޓާ ހިޔާނާތްތެރި ވާ ކަމަށް ރައްޔިތުންނަށް ފެނިއްޖެ ހިދެއްގައި ފަސް އަހަރެއް ނޫން ފަސް ދުވަހުން ވެސް މަގާމުން ވަކި ކުރެވެން ޖެހޭނެ ކަމަށެވެ. 

މިއާއި ދެކޮޅު ކޮންމެ ވިސްނުމަކީ އަބުއި މާތް ވެރިންގެ ޒަމާނުގައި ސީދާ ރައްޔިތުންނަށް ބާރު ނުދީ ބާރު ހިފަހައްޓަށް ދައްކަވާ ފުލޯކް ވާހަކަ ކަަމަށާއި އަދި މިހާރު އަބުއި މާތް ވެރިންގެ ޒަމާން ނިމިއްޖެ ކަމަށް ވެސް ސައިފް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް