ads
ފޮރިން މިނިސްޓްރީ
ގާޒާގެ ކަމާލް އަދްވާން ހޮސްޕިޓަލަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
ޔަހޫދީ އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމުގެ ތެރެއިން ފަލަސްތީނުގެ ގާޒާގައި ހުންނަ ކަމާލް އަދްވާން ހޮސްޕިޓަލަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.
Advertisement

ފޮރިން މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނެއްގައިވަނީ ގާޒާގެ އުތުރުގައި ހުންނަ ކަމާލް އަދްވާން ހޮސްޕިޓަލުގައި އިސްރާއީލީ ފައުޖުން ހުޅުޖަހާ އަންދާލައި، ބަލިމީހުންނާއި މުވައްޒަފުން އެތަނުން ނެރުމަށް މަޖުބޫރުކުރުވި އަމަލު، ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އަދި މިއީ ބައިނަލްއަގުވާމީ އިންސާނިއްޔަތާބެހޭ ގާނޫނާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާބެހޭ ގާނޫނާ މުޅިން ހިލާފު، ނުރައްކާތެރި އަމަލެއް ކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.

އަދި ސިއްހީ ހިދުމަތްދޭ މުހިންމު މަރުކަޒުތަކަށް މިފަދައިން ހަމަލާ ދިނުމަކީ ހަނގުރާމައިގެ މައިދާނުގައި ކުށެއްކަމުގައި ބައިނަލްއަގުވާމީ މުއާހަދާތަކުގައި ކަނޑައަޅާފައިވާ އަމަލެއް ކަމަށެވެ. 

"ގާޒާގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި އަމަލުތައް ހުއްޓުވައި، ފަލަސްތީނުގެ ރައްޔިތުން ހިމާޔަތްކޮށް، ޖަރީމާތަކަށް ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް، ހާއްސަކޮށް އދ. ގެ ސަލާމަތީ މަޖިލީހަށް، ދިވެހިރާއްޖެއިން ގޮވާލަން" ބަޔާނުގައިވެ އެވެ.

މީގެއިތުރުން މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި، ސުލްހަވެރި ހައްލެއް ގެނެވޭނީ 1967 ވަނަ އަހަރުގެ ކުރިން އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، އެއީ މިނިވަން، މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ގާއިމުކުރެވުމުން ކަމަށް ސަރުކާރުން ދެކޭ ކަމަށްވެސް ބަޔާނުގައިވެ އެވެ.

ޔަހޫދީ އިސްރާއީލު އަސްކަރިއްޔާއިން ކަމާލް އަދްވާން ހޮސްޕިޓަލުގެ އޮޕަރޭޝަން ރޫމްތަކާއި ސާޖަރީ ޑިޕާޓްމަންޓްތަކާއި ލެބޯޓްރީތަކާއި މެއިންޓެނެންސް އޭރިއާތަކާއި އެމްބިއުލާންސް ޔުނިޓްތަކުގައި އަލިފާން ޖަހާ ރޯކޮށްލި އިރު، މުޅި ތަން ވަނީ އަދާ އަޅިއަށް ވެފަ އެވެ. އިސްރާއީލްގެ އަނިޔާވެރި އެ އަމަލުގެ ސަބަބުން އޮޕަރޭޝަން އެންޑް ސާޖަރީ ޑިޕާޓްމަންޓާއި ލެބޯޓްރީ އާއި މެއިންޓެނެންސް އާއި އެމްބިއުލާންސް ޔުނިޓްތަކާއި ގުދަންތައް ވަނީ އަނދައިފަ އެވެ.

ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާއިލުން ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 45,500 އަށް އުފުލިފަ އެެވެ. މީގެ ތެރޭގައި ގިނައީ ކުޑަ ކުދިންނާއި އަންހެނުން ނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް