
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ދެ މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފަ އެވެ. މީގެ ތެރޭގައި ދެ މިލިއަން ރުފިޔާގެ ތެރެއިން އަދީބު ދައުލަތަށް ދައްކާފައި އޮތީ 1 މިލިއަން ރުފިޔާ އެވެ. ބާކީ 1 މިލިން ރުފިޔާ އޮތީ ނުދައްކަ އެވެ.
މި މައްސަލައަކީ އެ ފައިސާ މިއަދާ ހަމައަށް ވެސް ދައްކާފައިނުވާތީ، މައްސަލައިގެ ހުކުމްކުރާ ތާރީޚުން ފެށިގެން ކުރިޔަށް އޮތް މަސްދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސްކުރުމަށް އަދީބުގެ މައްޗަށް ހުކުމްކޮށްދިނުމަށް އެދި ދައުލަތުން ހުށަހެޅި މައްސަލައެކެވެ.
އެ މައްސަލަ ބެއްލެވި އެ ކޯޓުގެ ގާޒީ އަހްމަދު ރަޝީދު ހުކުމް ކުރެއްވީ، ކްރިމިނަލް ކޯޓުގެ ހުކުމްގައިވާ ގޮތަށް އަދީބު ދައްކަން ޖެހޭ ފައިސާ ދައްކާފައި ނުވާތީ، މިހާތަނަށް ދައްކަން ޖެހި ނުދައްކާ އޮތް 1 މިލިއަން ރުފިޔާ، އިއްޔެއިން ފެށިގެން 30 ދުވަސް ތެރޭ ދައުލަތަށް ދައްކައި ހަލާސް ކުރުމަށެވެ.
މި މައްސަލައިގައި އަދީބުގެ ފަރާތުން ކޯޓުގައި ބުނެފައި ވަނީ 1 މިލިއަން ރުފިޔާ "އެއްފަހަރާ ދެއްކުމަކީ ދަތިކަމަކަށް" ވާނެ ކަމަށެވެ. ދައުލަތުން އެދުނީ 1 މަސް ތެރޭ ފައިސާ ދެއްކުމަށް އަދީބަށް ފުރުސަތު ދޭ ގޮތަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަދީބުގެ އަދަބު ލުއިކޮށްދީ، އޭނާ މިނިވަންކޮށްފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގަ އެވެ. އެ ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިއުން ސޯލިހަށް އަމާޒުވި އެވެ.
އަދީބު މިނިވަންވުމާ އެކު، މިހާރު ދިރިއުޅުއްވަނީ ރާއްޖެ އިން ބޭރުގަ އެވެ.