އެންޑީއެމްއޭ އިން ބުނީ އެންމެ ބޮޑަށް ގެއްލުން ލިބުނު ރަށްތަކުގެ ތެރޭގައި ފ. ނިލަންދޫ ހިމެނޭ ކަމަށެވެ. އެ ރަށުގެ 80 ޕަސަންޓު ގެތަކުގައި ފެންބޮޑުވިއެވެ. އަދި ކ. ގުރައިދޫގައި 60 ގެއަކަށް އެކި މިންވަރަށް ގެއްލުން ލިބުނެވެ. ކ. ހިންމަފުށީގައި 60 ޕަސަންޓު ގެތަކުގައި ފެންބޮޑުވިއެވެ.
ފ. މަގޫދޫ އާއި ފ. ފީއަލީގައި ފެންބޮޑުވުމުގެ ސަބަބުން ގެއެއް ހުސްކުރަން ޖެހުނު ނަމަވެސް، މިހާރު އެ ގެތަކުގެ މީހުން ވަނީ އަނބުރާ ބަދަލުވެފައެވެ. މީގެ އިތުރުން ދ. ކުޑަހުވަދޫ އާއި ދ. މީދޫގައި 10 ވަރަކަށް ގެއަކަށް ގެއްލުން ލިބުނު އިރު، އދ. މާމިގިލީގައި ހަތަރު ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
އެންޑީއެމްއޭ އިން ބުނީ ގެއްލުން ލިބުނު ރަށްތަކުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ރަށު ކައުންސިލްތަކުން ރައްޔިތުންގެ ހާލު ގާތުން ބަލަމުންދާ ކަމަށާއި ގެއްލުންތަކުގެ މައުލޫމާތު އެއްކުރަމުންދާ ކަމަށް ކައުންސިލްތަކުން މައުލޫމާތު ދީފައިވެއެވެ.