ads
ޝަކުވާ
ޝަކުވާ
ވެއްޓެނީ ކަމަށް ހީކޮށް ދެ ލޯ ތަގުޅި ކޮށްލިތަނުން ބާރުގަދަ އަތެއްގެ ހިމާޔަތް ނަވްޔާއަށް ލިބުނެވެ. ނަވްޔާގެ ހިނދުރީގައި ޖެހުނީ ދަންނަ ވަހެކެވެ. އެ ހިނދު ނަވްޔާގެ ހިތް ތެޅެން ފެށީ ނުހަނު ބާރަށެވެ. މުޅި ކާއިނާތުގެ ހިނގުން ހުއްޓުނު ހެން ނަވްޔާއަށް ހީވިއެވެ. އެ އަތުގެ ހިމާޔަތުގެ ތެރޭގައި ކުރިން ވެސް ހުރެވުނު ކަމުގެ އިހުސާސް ނަވްޔާއަށް ކުރެވުނެވެ.
Advertisement

35 ވަނަ ބައި (ޝަކުވާ)

ލަސްލަހުން ލޯ ހުޅުވައިލިއިރު ކުރިމަތީގައި ހުރި މީހާ ފެނުމުން ނަވްޔާއަށް ގަބޫލު ވެސް ނުކުރެވުނެވެ. ދެ ފަހަރަށް އެސްފިޔަ ޖަހާލައިފައި ލޯ ހުޅުވައިލި އިރު ވެސް ކުރިމަތީގައި ހުރީ ހަމަ އެކަކެވެ.

"އިމާޒު؟" ނަވްޔާ ވައި އަޑުން ބުނެލިއެވެ.

އިމާޒު ލައިގެން ހުރީ މަޑު ނޫކުލައިގެ ގަމީހަކާއި އަޅި ކުލައިގެ ފަޓުލޫނެކެވެ. ދަށަށް ޖަހާ، ޓައީ އަޅާފައި ހުރުމުން ފެންނަނީ ނުހަނު ރަސްމީކޮށެވެ. ކުރީގައި ހުންނަ ސިޔާސަ ގޮތްގަނޑުގެ ބަދަލުގައި މޫނުމަތިން ފެންނަމުން ދިޔައީ ހަރުދަނާ ކަމެވެ. އަޅާފައިވާ ނަންބަރު އައިނުގެ ސަބަބުން އިތުރަށް ސީރިއަސް ކަމަށް ދައްކައެވެ.

"ނަވްޔާ؟" އިމާޒުގެ އަޑުގައި ވެސް ހައިރާންކަން އެކުލެވިގެންވިއެވެ.

ކުރިމަތީގައި ހުރި ނަވްޔާ ފެނުމުން އިމާޒަށް ވެސް ވީ ނަވްޔާއަށް ވީ ވަރެވެ. ވޭތުވެ ދިޔަ ހަތަރު އަހަރު ނަވްޔާ ހޯދަން ހާދަ މަސައްކަތެއް އިމާޒަށް ކުރެވުނެވެ. މި ވީ ދުވަސްތަކުގެ ތެރޭގައި ފުރާފުރިހަމަވެ، ނަވްޔާގެ ރީތިކަން އިތުރުވެއްޖެ ހެން އިމާޒަށް ހީވިއެވެ. ހިތުގެ ވިންދު އަވަސް ވަމުން ދިޔައިރު ކަޅިޖަހާ ނުލާ ނަވްޔާއަށް ބަލަަހައްޓައިގެން ހުރެވުނެވެ. ލިފްޓު އެ ބަޔަށް ހުއްޓި ކަމެއް ވެސް އިމާޒަކަށް ނޭނގުނެވެ. މީހުންތައް ލިފްޓުން ފައިބަން ފެށު،މުން ނަވްޔާ ލިފްޓަށް އަރަން ދިޔައެވެ. އިމާޒަށް ހޭވެރިކަން ވީ ދެނެވެ. ތެޅިގަނެފައި މީހުންތަކުގެ ތެރެއިން ރެކިގެން ލިފްޓާ ހަމައަށް ދާންވާ އިރަށް ލިފްޓް ލެއްޕިއްޖެއެވެ. ލެއްޕެމުން ދިޔަ ދޮރުން ނަވްޔާގެ މޫނުމަތީގައި ވާ ހާސްކަން އިމާޒަށް ކިތަންމެ ރީއްޗަށް ވެސް ފެނުނެވެ.

އަކްޔަންގެ ސްކޫލް ދޮށަށް ދެވުނު އިރު ވެސް ނަވްޔާގެ ހިތުގެ ތެޅުން މަޑެއް ނުވެއެވެ. ނަމަވެސް ސްކޫލަށް ވަދެފައި އަކްޔަންގެ މޫނު ފެނުމުން އިމާޒުގެ ނަން ސިކުނޑިން އެއް ފަރާތް ކޮށްލެވުނެވެ.

"މަންމީ އަނެއްކާ ލަސްވީދޯ ؟" އަކްޔަންއާ އެއް ހަމައަކަށް ތިރިވަމުން ނަވްޔާ ކުށް ގަބޫލުކުރިއެވެ.

އަކްޔަން މޫނު ހަދައިގެން ހުރެ ބޯ ޖަހައިލިއެވެ.

"ސޮރީ އަކޫ." ނަވްޔާ ބުންޏެވެ.

"މަންމިއާ ރުޅި." އަކްޔަންގެ ޖަވާބުއައެވެ.

"އެހެންތަ؟ ދެން ކިހިނެއް ހެދީމަ އަކޫ ހެޕީ ވާނީ؟" ނަވްޔާ އެހިއެވެ.

"އައިސްކްރީމް." އަވަސްއަވަހަށް އަކްޔަން ބުނެލިއެވެ.

"އޯކޭ. އެހެންވީމަ މިއަދު ހަވީރު ހިނގާ އައިސްކްރީމް ބޯން ދާން."

އަކްޔަންގެ މޫޑު ވަގުތުން ރަނގަޅުވިއެވެ. ކާރުގައި އިނދެގެން ހުއްޓާ ނުލާ އަނގަތަޅަމުން ދިޔައެވެ. ނަވްޔާގެ ސިކުނޑިއަށް އަނެއްކާ ވެސް އިމާޒުގެ ސޫރަ ވެރިވިއެވެ. އިމާޒު އަދިވެސް އުޅެނީ މާލޭގައި ބާވައޭ ނަވްޔާ ހިތަށްއެރިއެވެ. ބޮޑުބެއާއި އަޒްކާގެ ހާލު އެނގެން ބޭނުންވިއެވެ. ނަމަވެސް އެއިން މީހަކާ ދިމާވާކަށް ނަވްޔާ ބޭނުމެއް ނޫނެވެ. އަދި އަމުދުން ހައްޔާނަށް އަކްޔަން ފެންނާކަށް ނަވްޔާ ނޭދެއެވެ. ގެއަށް ދެވުނު އިރު ނަވްޔާގެ ބޮލުގައި ރިހެމުން ދިޔައެވެ. ރޭގައި ރަނގަޅަށް ނުނިދުމުންނާއި ފިކުރުބޮޑުވުމުގެ ސަބަބުންނެވެ.

އެހެން ދުވަސްތަކެކޭ އެއްފަދައިން އަކްޔަންގެ އެއްޗެހި ބަދަލުކޮށް ހަދަން ނަވްޔާ އެހީތެރިވިއެވެ. އަލުން ނަވްޔާ އޮފީހަށް ދަނީ އަމީނާއާ އަކްޔަން ހަވާލުކޮށްފައެވެ. ގިނަ ދުވަސް ދުވަހު މިޝާ ވެސް އެ ގަޑީގައި އުޅޭނެއެވެ. އަކްޔަން ގޮވައިގެން ތިރިއަށް ދިޔައިރު އަމީނާ ސިޓިންގްރޫމްގައި އިނެވެ.

"ބޮޑުމާމާ!" އަކްޔަން ގޮވައިލިއެވެ.

އަކްޔަން ދިޔަ ގޮތަށް ގޮސް އަމީނާގެ އުނގަށް ވަނެވެ. އަމީނާ ވެސް ލޯބިން އަކްޔަންގެ ގައިގައި އަތް ވަށައިލިއެވެ.

"މާމަ މިއިނީ އަކޫ އަންނަންދެން، ހިނގާ އެއްޗެއް ކާން." އަމީނާ ބުންޏެވެ.

އޮފީހަށް ދާން ނުނިކުމެ ނަވްޔާ އައިސް ސޯފާގައި އިށީނުމުން އަމީނާ ބަލައިލިއެވެ.

"ކިހިނެއްވީ ދަރިފުޅާ؟" އަމީނާ ކަންބޮޑުވެފައި އަހައިލިއެވެ.

"ބޮލުގައި ރިއްސަނީ." ނަވްޔާ ދެ ލޯ މަރައިލަމުން ބުންޏެވެ.

"އެހެންތަ؟ ހުންއައީތަ؟" 

ނަވްޔާގެ ނިތްކުރީގައި އަމީނާ އަތް ޖައްސައިލިއެވެ.

"ނޫން ހުމެއް ނާދޭ، ބޭސް ގުޅައެއް ކާލަނިކޮށް ރަނގަޅު ވެދާނެ." ނަވްޔާ ބުންޏެވެ.

"ދެން އޮފީހަށް ނުގޮސް މަޑުކޮށްލަން ވީނު." އަމީނާ ޚިޔާލު ދިނެވެ.

**************

ހާމައަށް އޮތް އުޑުގައި ރަނިކަން ކުރަމުން ދިޔަ ހަނދު، ވިލާތަކެއްގެ ނިވަލަށް ވަދެ، ފިލި މަންޒަރު އިމާޒު ދުށްޓެވެ. ވިލާތައް ކެހި، ހަނދު ކަޝްފު ވާނެ ދަނޑިވަޅެއްގެ އިންތިޒާރުގައި އިމާޒު އިނދެއިނދެ ވާޅުވެއްޖެއެވެ. ހަނދުގެ ހިލަމެއް ނުވިއެވެ. މާޔޫސްވެފައި އިމާޒު ތޮށިގަނޑުގެ މަތިން ތެދުވީ ވާރޭ ކަނި ޖަހަން ފެށުމުންނެވެ. ނަސީބަކުން ވާރޭ ބޯކޮށްލުމުގެ ކުރިން ގެއާ ހަމައަށް ދެވުނެވެ.

އެރޭގެ ނިދި އިމާޒުގެ ލޮލާ ރުޅިވެފައިވާ ކަހަލައެވެ. ދެ އަތަށް ފުރޮޅިފުރޮޅި އޮވެވުނީ ކިހާ އިރަކު ކަމެއް ވެސް ނޭނގެއެވެ. ނަވްޔާ ހެޔޮ ހާލުގައި ފެނުމުން ހިތަށް ފިނިކަން ލިބި، އުންމީދު އާވެފައިވި ނަމަވެސް ހިތުގެ ބޭގަރާރުކަމަށް ލުޔެއް ނުލިބުނެވެ. އިމާޒުގެ އަތުގެ ތެރޭގައި ތާއަބަދު ނަވްޔާ ގައިދު ކުރުމަށް ހިތް އެދެމެން ދިޔައެވެ. ވާހަކަދައްކަން ލިބުނު ފުރުޞަތު ގެއްލުވާލެވުނީތީ އަމިއްލަ ނަފުސު ދެކެ ރުޅި އާދެވުނެވެ. މާޒީގެ ހަނދާންތައް އާ ކުރުމުން ވާނެ ފައިދާއެއް ނެތް ނަމަވެސް އެ ހަނދާންތައް އައިސް އިމާޒު ވަށައިލިއެވެ.

ނަވްޔާގެ ފޯނަށް ނުގުޅޭތީ ގޭ މީހުންގެ ގާތުގައި އަހައިގެން އިމާޒު ކޮންމެ ދުވަހަކު ނަވްޔާގެ ހާލު ބެލިއެވެ. ނަމަވެސް ފަހުންފަހުން އައިސް ނަވްޔާގެ ވާހަކަދައްކަން އަޒްކާ ވެސް ނިޒާރު ވެސް ބޭނުން ނުވާހެން އިމާޒަށް ހީވިއެވެ. ނަސީމާ ވެސް ކަމެއް ފޮރުވަން އުޅޭ ކަމަށް އިމާޒަށް ޝައްކު ކުރެވެން ފެށިއެވެ. ކޮންމެވެސް ނުބައެއް އުޅޭކަމުގައި ހަވަނަ ހިއްސު ބުނަމުން ދިޔައެވެ. ޔަގީނެވެ. ނަވްޔާއަށް ކޮންމެވެސް ބޮޑުކަމެއް ދިމާ ވެއްޖެއެވެ. ގޭ މީހުން ކައިރީ ނުބުނެ، ވީ އެންމެ އަވަހަކަށް އިމާޒު ރަށަށް ދާން ފުރިއެވެ. އިމާޒަށް ދެވުނީ ނަވްޔާގެ ކައިވެނި ވި ރޭގެ އަނެއް ދުވަހުއެވެ. ނަވްޔާގެ ކައިވެނީގެ ޚަބަރު ލިބުމުން އިމާޒުގެ ހިތް ކުދިކުދިވިއެވެ. ދެކެވުނު ހުވަފެންތައް ވިއްސިވިހާލިވެ، އުންމީދުގެ ހުޅުކޮޅު ނިވުނެވެ. ނަވްޔާއޭ ކިޔައިގެން ނަސީމާ ދެއްކި ވާހަކަތައް އިމާޒު ގަބޫލެއް ނުކުރެއެވެ. މުޅި ދުނިޔޭގެ އެންމެން ބުނިކަމުގައި ވީ ނަމަވެސް އިމާޒު ގަބޫލެއް ނުކުރާނެއެވެ. ނަމަވެސް ނަވްޔާގެ ކައިވެނި ކުރެވި، އެހެން މީހެއްގެ ހައްގަކަށް ވެއްޖެ ކަމަށް ގަބޫލު ކުރުން ނޫން ގޮތެއް ނެތެވެ. އިމާޒަށް އާދެވުނުލެއް ތަންކޮޅެއް ލަސްވީއެވެ. ތަގުދީރާ މެދު އިމާޒުގެ ހިތުގައި ފުރަތަމަ ފަހަރަށް ޝަކުވާ އުފެދުނެވެ. ކުރިން ނުބުނީ ކީއްވެތޯ އަޒްކާއާ އިމާޒު ސުވާލު ކުރިއެވެ. އޭރު ހިތަށް ކުރަމުން ދިޔަ އަސަރުން އިމާޒުގެ އަޑު ތުރުތުރު އަޅައެވެ. ލޮލުން ކަރުނަ ފައިބައެވެ.

ފުނޑުފުނޑުވެފައިވާ ހިތަކާ އެކު އިމާޒު މާލެއައެވެ. ކިޔެވުމުގެ އަޒުމުގައެވެ. ކޮންމެ ގޮތެއް ވިޔަސް ނަވްޔާއަށް ވީ ވައުދު އިމާޒު ފުއްދާނެއެވެ. އަމިއްލަ ފައި މައްޗަށް ތެދުވެ، ދިރިއުޅުމުގެ މައިދާނުގައި ފައިތިލަ ސާބިތުކުރާނެއެވެ. ކިޔެވުމުގެ ޚަރަދު ނިޒާރު ފޮނުވި ނަމަވެސް އިމާޒު ވަޒީފާއަކަށް ވެސް ވަނެވެ. ހުސް ވަގުތުތަކުގައި ބޭކާރު ޚިޔާލު ކުރެވި، މާޔޫސް ވާތީއެވެ. އޭގެ ފަހުން އިމާޒު އުޅުނީ ރަށަށް ނުގޮހެވެ. ދޭތެރެ ދޭތެރެއިން މަންމަމެންގެ ހާލު ބަލައިލަން ގުޅި ނަމަވެސް މާ ގިނައިން ވާހަކަދައްކައެއް ވެސް ނުހަދައެވެ. ކޮންމެހެން ބުނަން ޖެހޭ އެއްޗެއް ބުނެފައި ފުއްދައިލަނީއެވެ.

ތިން އަހަރު ފަހުން ދެން ލިބުނު ޚަބަރުން އިމާޒުގެ ދުނިޔެ އެ ފުށް މިފުށަށް ޖެހުނެވެ. ނިޒާރަށް ހާޓްއެޓޭކެއް ޖެހުނު ކަން އެނގުމާއެކު އިމާޒު ވީ އެންމެ އަވަހަކަށް ރަށަށް ދިޔައެވެ. ނަސީބަކުން ނިޒާރުގެ ފުރާނަ ސަލާމަތްވިއެވެ. ނަމަވެސް އޭރު ގޭތެރޭގެ ހުރިހާ ކަމެއް ވެސް އޮތީ ބޮއްސުން ލާފައެވެ. ހައްޔާންގެ އަތްމައްޗަށް ވިޔަފާރީގެ ހުރިހާ ކަމެއް ދޫކޮށްލުމުގެ ހިތި ނަތީޖާ ފެނިފައެވެ. އަޒްކާ ވަރިކުރުމަށް ފަހު ހައްޔާން ދިޔައީ ހައްޔާން ރޭވި ހުރިހާ ރޭވުމެއް އަޒްކާއަށް ތިލަކޮށްދީފައެވެ.

ހައްޔާންގެ ރައްޓެއްސަކާ އެކު ހުޅުމާލޭގައި ގެސްޓުހައުސް ވިޔަފާރިއެއް ފަށަން ހައްޔާންގެ ބައްޕަގެ ގެއާއި ފިހާރަ މޯގޭޖްކޮށްފައި ލޯނެއް ނެގިއެވެ. ނަމަވެސް ހައްޔާން އެ ލޯނުގެ ބޮޑުބައި ދުއްވައިލީ ބޭކާރު ޚަރަދު ކުރުމުގައެވެ. ނުވިތާކަށް ރައްޓެހިމީހާ ވެސް ހައްޔާނަށް ލަނޑުދިނީއެވެ. ލޯނު އަނބުރާ ދައްކަން ހަދައިގެން ރަށުގެ ވިޔަފާރި ވެސް މަޑުމަޑުން ހުލިވަމުން ދިޔައެވެ. އެންމެ ފަހުން ލޯނު ނުދެއްކި، ގެއާއި ފިހާރަ ބޭންކަށް ނަގާ ހިސާބަށް ދިޔުމުން އެހެން ގޮތެއް ފެނޭތޯ ހައްޔާނާއި މާހިދު މާލެ ދިޔައެވެެ. ނަމަވެސް އަލިމަގެއް ނުފުނެވެ. ޝަމްނާ ވިހަން ވެގެން އަޒްކާމެން މާލެ ދިޔައީ އެ ދުވަސްވަރުއެވެ.

ރަށުގައި ހައްޔާންމެންގެ ވިޔަފާރިއާ ކިރިޔާ ވެސް ވާދަކޮށްލެވެނީ ނިޒާރުމެންނަށެވެ. އަޒްކާއާ ކައިވެނި ކުރެވިއްޖެ ނަމަ ނިޒާރުގެ ވިޔަފާރިން ލޯނު ދެއްކުމުގެ ކަންތައް ކުރެވިދާނެ ކަމަށް މާހިދު ލަފާ ދިނުމުން ހައްޔާނަށް ވެސް އެއީ ރަނގަޅު ޚިޔާލެއް ކަމަށް ފެނުނެވެ. ހައްޔާން ހީކުރި ވަރަށް ވުރެ ފަސޭހައިން އެ ކަންތައްވިއެވެ. އަޒްކާގެ ރުހުން ލިބުމުންނާއި އިޔާދާއި ހައްޔާންގެ އަތްމައްޗަށް ނިޒާރު ވިޔަފާރި ދޫކޮށްލުމުންނެވެ. އިޔާދުގެ ދިރިއުޅުމުގެ ވައްޓަފާޅި ހުރި ގޮތުން މާ ބޮޑު ސަމާލުކަމެއް ވިޔަފާރިއަކަށް ނުދެއެވެ. މަޑުމަޑުން ހުރިހާ ކަމެއްގެ ކޮންޓްރޯލް ހައްޔާން ނެގިއެވެ.

ގޯހެއް އުޅޭކަން ނިޒާރަށް ވިސްނުނުއިރު ވަގުތު ފާއިތުވެއްޖެއެވެ. އޭރު ނިޒާރުމެންގެ ގެއާއި ވިޔަފާރި ވަނީ ބޭންކަށް ނެގުމުގެ އެންމެ ފަހުގެ މަރުހަލާގައެވެ. ރިހޭ ފައިމައްޗަށް ފޮއި ވެއްޓުނީ ހައްޔާން، އަޒްކާ ވަރިކުރުމުންނެވެ. ނިޒާރަށް ހާޓްއެޓޭކް ޖެހުނީ އެ ޚަބަރު ލިބުނު ވަގުތުގައެވެ.

ހައްޔާން ،އަޒްކާ ވަރިކުރި އިރު ދެވަނަ ދަރިފުޅު ބައިގެން ދިޔަތާ އަދި މަހެއް ނުވެއެވެ. އެންމެ ފުރަތަމަ ދަރިފުޅަށް ވެސް ވީ އެހެން ކަމުން އަޒްކާ އުޅުނީ ނުހަނު ބަލައިގެންނެވެ. އެކަމަކު ތަގުދީރު އެހީ ނުވީއެވެ. އަޒްކާ ދެކެ ހައްޔާން ލޯބިނުވާކަން އެނގުމުން އެ ހިތަށް ނުކުޅަދާނަވާ ވަރުވިއެވެ. އޭގެ އިތުރުން ހައްޔާންގެ ސަބަބުން އާއިލާއަށް ކުރިމަތިވި ނިކަމެތިކަމާއި ނިޒާރު އޮތް ހާލު ފެނުމުން ހިތާމައިގެ ފަރުބަދައެއް އަޒްކާގެ ބޮލަށް ވެއްޓުނު ފަދައެވެ. އަޒްކާގެ ލޮލުން ކަރުނަ ނުހިކެއެވެ. ލިބުނު ހިތާމައިގެ ބޮޑުކަމުން މާޔޫސްކަމުގެ ކަނޑަކަށް ގެނބި، އަޒްކާގެ ބަސް މަދުވިއެވެ. އެ މޫނުމަތީގެ ހިނިތުންވުން ގެއްލި ލޮލުގެ އުޖާލާކަން ގެއްލުނެވެ.

ގާތް އެކުވެރިއެއް ކަމަށް ބަލައިގެން އުޅުނު ރަހްމަތްތެރިޔާގެ މަކަރުވެރިކަމާއި އަޒްކާއާ ދޭތެރޭގައި ކަންތައް ކުރި އިހާނެތްތެރި ގޮތް އެނގުމުން ރުޅި އައިސްގެން އިމާޒުގެ ލޭ ކެކުނެވެ. ނަމަވެސް މަޑުން ހުރީ އޭރު އިމާޒަށް ވެސް ކުރެވޭނެ ކަމެއް ނެތުމުންނެވެ. އެހެން ދިމާވުމުގައި އަމިއްލަ އިހުމާލު ވެސް އޮތް ކަމަށް ގަބޫލު ކުރެވޭތީއާ އެކު ވެސް މެއެވެ. އިޔާދާއި އިމާޒު ޒިންމާ ނެގި ނަމަ އެ ދުވަހެއް ދެކޭކަށް ނުޖެހުނީހޭ ހިތަށްއެރިއެވެ.

އާއިލާގެ ޒިންމާ ނެގުމުގެ ވަގުތު ޖެހިއްޖެކަމަށް އިމާޒު ގަބޫލުކުރިއެވެ. އަތުގައި ފުދޭވަރެއްގެ އެއްޗެއް ރައްކާކުރެވިފައި ހުރުމުން ނިޒާރުމެން މާލެ ބަދަލު ކުރަން މާކަ އުނދަގުލެއް ނުވިއެވެ. އެކަމަކު މާލެއިން ދެ ކޮޓަރީގެ އެޕާޓްމެންޓެއް ކުއްޔަށް ހިފައިގެން އުޅެވެނީ ކިރިޔަ ކިރިޔާއެވެ. އިމާޒު ރެއާ ދުވާލު މަސައްކަތް ކޮށްގެންނެވެ. ޝަމްނާއާ އެކު އިޔާދު ރަށުގައި މަޑު ކުރި އިރު އިޔާދުގެ ފަރާތުން މާ ބޮޑު އެހީތެރިކަމެއް ނުލިބެއެވެ.

އަޒްކާ ކުރާ ހިތާމަ އެންމެ ގާތުން ފެންނަނީ ނަސީމާއަށެވެ. ލޯބިވާ ދަރިފުޅުގެ ޙަޔާތް ބަރުބާދުވީ އަމިއްލަ ކުށުން ކަމުގައި ނަސީމާ ގަބޫލު ކުރެވެން ފެށިއެވެ. ހައްޔާންގެ އަނދިރި ފަރާތެއް ވާކަށް އެނގުނު ނަމަވެސް މުއްސަނދިކަމާއި، އަރާމާއި އުފަލުގެ އަވާގައި ޖެހިގެން އެ ކަމަށް ފަސްއަޅާ ފޮރުވި މީހަކީ ނަސީމާއެވެ. އެ ވަރުގެ މީހެއްގެ ވަކިތަކުން އަމިއްލަ ދަރިފުޅު ސަލާމަތްކުރާކަށް އޭރަކު ނަސީމާ ހިތަކަށް ނޭރިއެވެ. ފައިސާގެ ދަޅައިގައި ކަނު ބަދެވިފައި ވީތީއެވެ. އަމިއްލަ އާއިލާ ނިކަމެތިވެ، ފަގީރުވީ ނަސީމާ އެ ފުރުޞަތު ހައްޔާނަށް ދިނީތީއެވެ. އަޒްކާގެ ހިތާމަވެރި މޫނު ފެންނަ ކޮންމެ ފަހަރަކު ނަވްޔާގެ މަތިން ނަސީމާ ހަނދާން ވާން ފެށިއެވެ. އެއްވެސް ރަހުމެއް ނެތި އެ މީހުންގެ ދިރިއުޅުމުން ނަވްޔާ ބޭރު ކުރީ އަޒްކާގެ ދިރިއުޅުމަށް ހިޔަނި އެޅިދާނެތީއެވެ. ނަވްޔާއަށް ލިބޭނެ ނިކަމެތިމަކަށް، އުޅޭނެ ހާލަކަށް ނަސީމާ ދުވަހަކު ވެސް ވިސްނާފައެއް ނެތެވެ. އެހެން މީހެއްގެ ދިރިއުޅުން ހަލާކުކޮށްފައި ތާ އަބަދު އުފަލުގައި ނޫޅެވޭނެ ކަން ނަސީމާއަށް ވިސްނުނީ މާފަހުންނެވެ. ނަސީމާގެ އަނިޔާވެރިކަމުގެ ބަދަލު، ހީ ވެސް ނުކުރާ ކަހަލަ ގޮތަކަށް ނަސީމާއާ އަރާ ހަމަކޮށްފިއެވެ. ނަވްޔާއާ ދޭތެރޭގައި ކަންތައް ކުރެވުނު އިހާނަތްތެރި ގޮތް ހިތަށް އެރުމުން ނަސީމާއަށް ކުށްވެރިކަން އިހުސާސް ކުރެވެން ފެށިއެވެ. ނަފުސުގެ ހަމަޖެހުން ގެއްލި، ސިކުނޑިއަށް ބުރަ ބޮޑުވާން ފެށުމުން ނިޒާރަށާއި އެހެން މީހުންނަށް ހަގީގަތް ކިޔައިދޭން ނަސީމާ ނިންމިއެވެ.

(ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް