ގދ. ހޯޑެއްދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވަމުން ރައީސް މިއަދު ވިދާޅުވީ މިއަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ އަލަށް ފަށާ މަޝްރޫއުތަކުގެ ތެރެއިން އެންމެ އިސްކަމެއް ދީފައި އޮންނާނީ ބޯހިޔާވަހި ކަމުގެ މަޝްރޫއުތަކަށް ކަމަށެވެ.
އެހެންކަމުން ކެމްޕޭނު ތެރޭގައި އިއުލާނުކޮށްފައި ހުރި ހުރިހާ ހައުސިން މަޝްރޫއެއް މިމަހުގެ ތެރޭގައި ބިޑަށްލައި، ކޮންޓްރެކްޓަރުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފިނޭންސް މިނިސްޓަރަށް ދަންނަވާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ބޭނުންވެވަޑައިގަންނަަވަނީ ރައްޔިތުން ބޭނުންވާ ކަންކަން، ބޭނުންވާ ގޮތަށް ކޮށް ދެއްވަން ކަމަށެވެ. އަދި އެގޮތުގައި ސަރުކާރު ސާބިތުގެ އޮންނާނެ ކަމަށް ވިދާޅުވި އެވެ.