އެކަމުގެ ޔަގީންކަން ރައީސް ދެއްވީ، އެމަނިކުފާނު ރަށްރަށަށް ފައްޓަވާފައިވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ނަޑެއްލާއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ އެރަށުގައި އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާނެ ކަމަކީ ބަނދަރު ހެދުން ކަމަށެވެ. އެރަށުގައި އޮތީ 2008 ވަނަ އަހަރު ހަދާފައިވާ ބަނދަރެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިމަސް ތެރޭގައި އާ ބަނދަރު ހެދުމަށް ކޮންޓްރެކްޓަރެއް ހޯދަން އިއުލާނު ކުރައްވާނެ ކަމަށެވެ.
ދެން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ރަށް ގިރުމުގެ މައްސަލައަށް ހައްލު ގެނެސްދިނުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. ބަނދަރު ހެދާއިރު މި މަސައްކަތް ވެސް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެރަށުގެ ސިއްހީ މަރުކަޒުގެ ޖާގަ އިތުރު ކުރުމާއި ސްކޫލުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ވެސް މިއަހަރު ތެރޭގައި ކުރާނެ ކަމަށެވެ.
އޭގެ އިތުރުން، ރަށުގައި ފުލުހުން ގާއިމްވެ ތިބެގެން ހިދުމަތް ދެވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި މިއަހަރު ތެރޭގައި އެ ރަށާއި އޭޓީއެމް ނެތް އެހެން ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓަވައިދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި ހުވަދުއަތޮޅު ދެކުނުބުރީގެ ފަސް ރަށަކަށާއި، ހުވަދުއަތޮޅު އުތުރުބުރީގެ ހަތަރު ރަށަކަށް ރައީސް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން، ހުވަދުއަތޮޅު ދެކުނުބުރިން އެމަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ހޯނޑެއްދޫ، ނަޑެއްލާ، ވާދޫ، ފިޔޯރީ އަދި ރަތަފަންދޫއަށެވެ. ހުވަދުއަތޮޅު އުތުރުބުރީން އެ މަނިކުފާނުގެ މި ދަތުރުފުޅުގައި ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ކަނޑުހުޅުދޫ، ނިލަންދޫ، މާމެންދޫ އަދި ދެއްވަދޫއަށެވެ.
މި ދަތުރުފުޅުގައި ވެސް ރައީސްގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބަައިވެރިވެވަޑައިގަންނަވާނެ އެވެ. މި ދަތުރުފުޅަށް ފަހު ރައީސް މުއިއްޒު އެނބުރި މާލެ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހެވެ.
މިދިޔަ އާދީއްތަ ދުވަހު ރައީސް ކ. ގުޅިއަށް ވެސް ވަޑައިގަތެވެ.