އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ހުވަދުއަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އެގޮތުން ހޯނޑެއްދޫގައި އޭޓީއެމްއެއް ބެހެއްޓުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސްއާއި އެރަށު ކައުންސިލާއި ދެމެދު އެވެ. މިމަސައްކަތް ކުރިއަށްގެންދަން ނިންމާފައިވަނީ ރަށު ކައުންސިލާ ހަވާލުކޮށްގެންނެވެ.
އެއްބަސްވުމުގައި ހޯނޑެއްދޫ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް ހުސެއިން ވާރިޝްއެވެ. ބޭންކް އޮފް މޯލްޑިވްސް ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް ބިޒްނަސް އޮފިސަރ މޫސާ ނިމާލްއެވެ.
މީގެ އިތުރުން ގދ. ނަޑެއްލާގައި އޭޓީއެމް ބެހެއްޓުމުގެ އެއްބަސްވުމުގައި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ވެސް ޗީފް ބިޒްނަސް އޮފިސަރ މޫސާ ނިމާލް އެވެ. ނަޑެއްލާ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް މުހައްމަދު އަންޝާއުއެވެ
މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ދިނުމަށް ސަރުކާރުން ވަނީ ނިންމަވާ އެވެ. އެގޮތުން މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް 17 ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ވަނީ ނިންމާފައެވެ.
ބޭންކް އޮފް މޯލްޑިވްސްއިން މިހާރުވެސް ރާއްޖޭގެ 90 ރަށެއްގައި 150 އޭޓީއެމް ބަހައްޓައިގެން ދަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ.