އީޕީއޭ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޒަރޫރީ ބޭނުންތަކަށް ވެލިނަގަން ކަނޑައަޅާފައިވާ ސަރަހައްދުތަކުން މެޝިނަރީ ބޭނުންކޮށްގެން ގިނަ އަދަދަކަށް ވެލިނަގަމުންދާ ކަމުގެ ޝަކުވާތައް އެ އެޖެންސީއަށް ލިބެމުންދާ ކަމަށެވެ. އަދި ވިޔަފާރި އުސޫލުން އެކި ބޭނުންތަކަށް ވެލިނަގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ގަވާއިދުގައިވާ ގޮތުން މެޝިނަރީ ބޭނުންކޮށްގެން ވެލިނެގުމަށް ހާއްސަ ސަރަހައްދެއް ކަނޑައެޅުމަށްފަހު، އެ ސަރަހައްދަކުން ވެލިނެގުމުން ތިމާވެށްޓަށް ކުރާނެ އަސަރު ދެނެގަތުމަށް އީއައިއޭ ރިޕޯޓު ހަދަންޖެހެ އެވެ. އަދި މިކަން ކުރެވޭނީ އަތޮޅު ކައުންސިލާއި ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރުމަށްފަހު އެކަންޏެވެ.
އީޕީއޭގެ ބަޔާނުގައި ވަނީ މި ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށް، ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންދާނެ ކަމަށް އަންގާފަ އެވެ.