އެސްޓޯނިއާގެ ރައީސް، ޑރ. އަލާ ކާރިސްގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ފުރާވަޑައިގަތީ މިދިޔަ އާދީއްތަ ދުވަހުގައެވެ.
މިއީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ރައީސް މުއިއްޒު މިއަދު އެމަނިކުފާނުގެ ރަސްމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެގައުމުގެ ރައީސް އަލާ ކާރިސްއާއި، އެސްޓޯނިއާ ސަރުކާރަށް ދެއްވި ދައުވަތަށް ޝުކުރުއަދާކުރައްވާފައެވެ.
އެސްޓޯނިއާ އަށް ވަޑައިގަތުމުން ލިބުނު ހޫނު މެހެމާންދާރީއާއި ލިބުނު މަރުހަބާއަކީ ވަރަށް ފުރިހަމަ މެހެމާންދާރީއެއް ކަމަށާއި އެގައުމަށް ޒިޔާރަތްކޮށްލުމަށް ލިބުނު ފުރުސަތަކީވެސް ވަރަށް ބޮޑު ޝަރަފެއް ކަމަށް ރައީސް މުއިއްޒު އެ ޕޯސްޓްގައި ވިދާޅުވިއެވެ.
ދެ ރައީސުންގެ މެދު އިއްޔެ ކުރިއަށް ގެންދިޔަ ބައްދަލުވުމަށް އިޝާރާތްކޮށް ރައީސް މުއިއްޒު ވިދާޅުވީ ދެގައުމުގެ ގުޅުން ބަދަހިކުރުމަށް އަމާޒުކޮށްގެން ކުރެވުނު އުފެއްދުންތެރި މަޝްވަރާތައް އަދި އެ ބައްދަލުވުން ވެގެން ދިޔައީ ވަރަށް ހިތްގައިމު ބައްދަލުވުމަކަަށް ކަމަށެވެ.
ރައީސް އެ ޕޯސްޓްގައި އިތުރަށް ވަނީ ޑިޖިޓަލް ގަވާނަންސް، ސައިބާ ރެސިލިއެންސް، މޫސުމަށް އަންނަ ބަދަލުތައް، އަދި ތައުލީމުގެ އިތުރުން އެހެނިހެން ދާއިރާތަކާ ބެހޭގޮތުން ދެގައުމުން ހިއްސާކުރެވޭ ތަސައްވަރާއި އިސްކަންދޭ ކަންކަމަކީ، ކުރިއަށް އޮތް އަހަރުތަކުގައި އެއްބަޔަކު އަނެއްބަޔަކަށް ކުރިއެރުމަށް، އަދި މަސައްކަތްތަކަށް މަގުދައްކައިދޭނެ ކަންކަން ކަމުގައި ފާހަގަކުރައްވާފައެވެ.
ރާއްޖެ އާއި އެސްޓޯނިއާ މެދުގައި މައުލޫމާތު ބަދަލުކުރުމާއި، މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައާއި ބެހޭ ދާއިރާތަކުން އެއްބާރުލުން ދިނުމަށްވެސް މިހާރު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ރައީސްގެ އެސްޓޯނިއާ ދަތުރުފުޅުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި ހޯމްލޭންޑް ޓެކްނޮލަޖީ މިނިސްޓަރު އަލީ އިހުސާން އާއި ސަރުކާރުގެ އިސް އޮފިޝަލުންގެ އިތުރުން ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާގެ އިސް ބައެއް ބޭފުޅުން ވެސް ބައިވެރިވަޑައިގެންނެވިއެވެ.
ހުރިހާ ބައްދަލުވުންތަކުގައި ވެސް މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ އައު އިޖާދުތަކާއި، ޓެކްނޮލޮޖީގެ ގޮތުން އެސްޓޯނިއާއިން ހޯދައިފައިވާ ކުރިއެރުންތަކާ ގުޅޭގޮތުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.