މެޓް އޮފީހުން މިއަދު ނެރުނު މޫސުމާ ބެހޭ ރިޕޯޓުގައި ބުނެފައިވަނީ އިރުއޮއްސުމާ ހަމައަށް ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވިއްސާރަވެ، ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ވެސް އެ އޮފީހުން ބުނެފައިވެ އެވެ.
މޫސުން ގޯސްވުމާ ގުޅިގެން ވައިގެ ބާރުމިން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގައި ހުންނާނެ ކަމަށާއި، ވިލާގަނޑުގައި ވައިގެ ބާރުމިން 40 މޭލަށް އަރާނެ ކަމަށް މެޓް އޮފީހުން ބުނެފައިވެ އެވެ. މީގެ އިތުރުން ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކަށް އިތުރު ސަމާލުކަމެއް ދިނުމަށް އެ އޮފީހުން އިރުޝާދު ދީފައިވެ އެވެ.
މި ވިއްސާރައިގެ މޫސުން ދެމިގެންދާނީ މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެ އެވެ. މިއީ ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރާ އަސަރެއް ކަމަށް ވެސް އެ އޮފީހުން ބުނެފައިވެ އެވެ.