
ޑިއެންއާރުގެ މަސައްކަތް ހިނގާގޮތް ނޫސްވެރިންނަށް ދައްކާލަން ނިންމާފައި މިވަނީ އެ އިދާރާގެ ޑާޓާ ބޭސް ބޭނުންކޮށްގެން ވެރިކަން ކުރާ ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް ސައްހަ ނޫން ފޯމްތަކެއް ފުރާފައިވާކަމަށް ބުނެ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.
ހޯމް މިނިސްޓްރީން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަންގެ މަސައްކަތްތައް ކުރިއަށްދާގޮތް ނޫސްވެރިންނަށް ދައްކާލުން މިއަދު 13:00ގައި ވެލާނާގޭ 4 ވަނަ ފަންގިފިލާގައި އޮންނާނެކަމަށެވެ.
ވެރިކަން ކުރާ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެންބަރު އިތުރުކުރަން އިލެކްޝަން ކޮމިޝަނަށް ހުށަހެޅި ސައްހަ ފޯމުތަކުގެ މައްސަލައިގައި ހޯމް މިނިސްޓަރުގެ އަލީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު އެމްޑީޕީން ވަނީ މަޖިލިހަށް ވައްދާފައެވެ. އަދި އެ މައްސަލަ ބަލަން އެދި އޭސީސީއާއި ފުލުހުންނަށް ވެސް އެމްޑީޕީން ވަނީ ހުށައަޅާފައެވެ.
ޕީއެންސީން ސައްހަ ނޫން ފޯމުތަކެއް ހުށައަޅާފައިވާތީ އެ މައްސަލަ ބަލަމުން އަންނަކަމަށް އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ ބުނެފައެވެ.