ރ މަޑުއްވަރީ އާ ކައުންސިލްގެ ބިންގާ އެޅީ މިހާރު ރައީސް ޑރ، މަުަހައްމަދު މުއިއްޒު ރ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. ކައުންސިލް އިދާރާގެ ބިންގާ އަޅުއްވާދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރުއެވެ.
މަޑުއްވަރީގައި އަޅާ އާ ކައުންސިލަކީ ދެ ބުރީގެ އިމާރާތެކެވެ. މި އިމާރާތް އަޅާނީ މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް ކުންފުނިންނެވެ.
105 ރަށެއްގެ ކައުންސިލް އިމާރާތް ސަރުކާރުގެ ހަރަދުގައި އަޅާ ދިނުމަށް ވަނީ ނިންމާފައެވެ. މީގެތެރެއިން 50 ކައުންސިލް އިމާރާތް އަޅަން ހަވާލުކުރީ ޗައިނާއާ އެވެ. އަނެއް 55 ކައުންސިލްގެ އިމާރާތް އަޅަން ހަވާލުކުރީ މެލޭޝިއާގެ ކުންފުންޏަކާއިއެވެ.
ކައުންސިލްތައް އަޅަން މެލޭޝިއާގެ ކުންފުންޏާއި އެކު ވީ އެއްބަސްވުމުގެ ދަށުން 55 ކައުންސިލް އިދާރާ ގާއިމުކުރާނީ ފަރުނީޗަރާ އެކުކަމަށް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވަނީ ވިދާޅުވެފައެވެ. މީގެތެރޭގައި ދެ ބުރިއަށް އިމާރާތްކުރާ 27 ކައުންސިލް އިދާރާ ހިމެނޭކަމަށާއި ދެ ބުރިއަށް އިމާރާތްކުރާ ކައުންސިލް އިދާރާތައް، މަސައްކަތް ފަށާތާ 18 މަސް ދުވަހުގެތެރޭގައި އަދި އެއް ބުރީގެ ޢިމާރާތްތައް މަސައްކަތް ފަށާތާ އެއް އަހަރު ދުވަހުގެތެރޭގައި ނިންމޭނެކަމަށް އުންމީދު ކުރާކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ 55 ކައުންސިލެއް އަޅަން މެލޭޝިޔާގެ ކުންފުންޏަކާއި ހަވާލުކުރި މަޝްރޫއުގެ އަގަކީ 36 މިލިއަން ޑޮލަރުކަމަށެވެ.