ގިނަ އަދެއްގެ ޑޮލަރު ހިފައިގެން މާލެއިން ފުރަން އުޅެނިކޮށް ހައްޔަރުކުރި އިންޑިޔާ މީހަކީ، އަބްދުލްރަގޫބް ނިސްތާރު ހަލީލް ކިޔާ މީހެކެވެ. އުމުރުން 27 އަހަރުގެ މި މީހާ ހައްޔަރު ކުރީ މިދިޔަ އަހަރު އެވެ.
އޭނާގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތު ކުރެވުނުއިރު، ދައުލަތުންވަނީ އޭނާއާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައެވެ. އޭނާގެ މައްޗަށް ފަހުން ދައުވާކޮށްފައިވަނީ ދިވެހިރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު ކަމުގެ ކުށުގެ ދައުވާއެވެ.
އިއުތިރާފު އެއްބަސްވުމުގެ ދަށުން، އޭނާ ކަސްޓަމަށް ދައްކަން ޖެހޭ 700،000 އެއްހާ ރުފިޔާގެ ޖޫރިމަނާ މާފުކޮށް، އޭނާ ވަގަށް ގެންދަން އުޅުނު ގިނަ އަދަދެއްގެ ފައިސާވަނީ ދައުލަތަށް ނަގާފަ އެވެ. އަދި އިއުތިރާފު އެއްބަސްވުމާއެކު އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ކުރިއަށް ގެންގޮސް އޭނާވަނީ 12000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.
މި މީހާގެ މައްސަލަ މި ހަފްތާ ތެރޭ ކްރިމިނަލް ކޯޓުން ނިންމާފައިވާއިރު، އޭނާގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި އޭނާގެ ފޮށިން 104،977 ޑޮލަރާއި 31585 ޔޫރޯއާއި 180 ސްވިންސް ފްރޭންކް، އަދި 100 ދިރުހަމްގެ އިތުރުން އޭނާގެ ބެކްޕެކުން 32395 ޑޮލަރާއި 18790 ޔޫރޯ ފެނިފައިވެ އެވެ. މި ހުރިހާ ފައިސާއެއްވެސް، އިއުތިރާފުގެ އެއްބަސްވުމާއެކު ދައުލަތަށްވަނީ ނަގާފަ އެވެ.