 
                                                                                                
                    ބީއެމްއެލްއިން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުން، މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނީ ފެބްރުއަރީ 24 ވާ ހޯމަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށެވެ. އަދި ކުރިމަތިލާން އެދޭ ފަރާތްތަކުން ފޯމު ހުށަހަޅަން ޖެހޭނީ ބީއެމްއެލްގެ ހެޑް އޮފީހުގެ ހަވަނަ ފަންގިފިލާގައި ހުންނަ ކޯޕަރޭޓް އެފެއާޒް ޔުނިޓަށެވެ.
ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލެވޭނީ 30 އަހަރާއި 70 އަހަރާ ދެމެދުގެ އުމުރުފުރައިގެ ފަރާތްތަކަށެވެ. އަދި މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގައި އެމްއެމްއޭގެ ޕްރެޑެންޝިއަލް ރެގިއުލޭޝަންގެ "ފިޓް އެންޑް ޕްރޮޕާ ރިކުއާމަންޓްސް" ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާން ޖެހެއެވެ.
ބޯޑު މެންބަރުންގެ ގޮތުގައި ހޮވޭ ފަރާތްތަކަކީ މާލީ ރިޕޯޓުތައް ދެނެގަތުމުގެ ގާބިލުކަން ލިބިފައިވާ، އަދި ކުންފުނީގެ މެނޭޖްމަންޓް ހަރުދަނާކުރުމުގައި އެހީތެރިވެދެވޭނެ ފަދަ ތަޖުރިބާ ލިބިފައިވާ ބައެއް ކަމުގައި ވާން ޖެހެއެވެ. އަދި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކުރެވިފައިވާ ތިން ކުންފުންޏަށް ވުރެ ގިނަ ކުންފުނީގެ ބޯޑުގައި ހިމެނޭ މީހަކަށް ވެގެން ނުވާނެ އެވެ.