އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒު ވައުދު ވެވަޑައިގެންފައިވާ ފަދައިން ކޮންމެ އަތޮޅެއްގައިވެސް މަސްވެރިންނާއި ރައްޔިތުންނަށް އެސްޓީއޯ ރޭޓުގައި ތެޔޮލިބޭނެ އިންތިޒާމް ގާއިމުކުރުމަށް ފެށި މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.
ގިނަ އަތޮޅުތަކުގައި ތެޔޮ ފޯރުކޮށްދެނީ އަމިއްލަ ފަރާތްތަކުންނެވެ. އޭގެ ސަބަބުން ތެޔޮ ގަންނަން ލިބެނީ އާއްމު ރޭޓަށްވުރެ އަގު ބޮޑުކޮށެވެ. މިކަން ހައްލު ކޮށްދެއްވުމަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށް ފިއުލް ސްޓޭޝަންތަކެއް ޤާއިމްކުރުމަށް ސަރުކާރުން ވަނީ ނިންމަވާފަ އެވެ.
ރާއްޖޭގެ 18 ރަށެއްގައި ފިއުލް ސްކިޑް ހެދުމުގެ މަޝްރޫޢު އިފްތިތާހްކުރީ 2024ވަނަ އަހަރުގެ ނޮވެންބަރު މަސްތެރޭގައެވެ. މިއަހަރު އަދި އިތުރު ރަށްތަކުގެ މަސައްކަތް ނިންމާ ފިއުލް ސްޓޭޝަންތައް ހުޅުވާނެ އެވެ.