
އެމަނިކުފާނު މިހެން ވިދާޅުވީ ޗައިނާގެ އާ އަހަރުގެ މުނާސަބަތާ ގުޅިގެން ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.
ރައީސް ޑރ. މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ސްޕްރިންްގް ފެސްޓިވަލާއި ޗައިނީޒް ނިއު އިޔާގެ އުފާވެރި މުނާސަބަތުގައި އެގައުމުގެ ރައީސް ޝީ ޖިންޕިންއަށާއި ޗައިނާގެ ރަޙުމަތްތެރި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާކަމަށެވެ. އަދި މިއަހަރަކީ ޗައިނާގެ ރައްޔިތުންނަށް ފާގަތިކަމާއި ރަނގަޅު ސިއްހަތާއި އުފާވެރިކަން ގެނެސްދޭ އަހަރެކަސްވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ރައީސް ވިދަޅުވިއެވެ.
ޗައިނާއާ އެކު އޮތް ގާތް ރަހުމަތްތެރިކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އަދި ދެމެހެއްޓެނިވި ރަހުމަތްތެރިކަން ދިވެހިރާއްޖެއިން އަބަދުވެސް ބަލައިގަންނަ ކަމަށެވެ. އަދި ދެ ގައުމު ގުޅިގެން އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމާއި، ހިއްސާކުރެވޭ އުއްމީދުތަކުގެ މައްޗަށް ބިނާވެފައިވާ ޕާޓްނާޝިޕެއް ބިނާކުރެވިފައިވާކަމަށްވެސް ރައީސްގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ޗައިނާގެ އާ އަހަރަށް މަރުޙަބާ ކިޔަމުންދާއިރު، ރާއްޖެއާއި ޗައިނާގެ ބަދަހި ގުޅުމަށް ބަދަލުތަކެއް އައިސް، ދެޤައުމަށްވެސް އިތުރު ފައިދާތަކެއް ލިބިގެންދާނެކަމަށް ޔަޤީން ކުރައްވާކަމަށްވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު އެހެން ވެރިންނާ ހިލާފަށް އެމަނިކުފާނު އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތީ ޗައިނާއަށެވެ.