
ފުވައްމުލަކު ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން ބާއްވާ މި ތާރީހީ ދުވުން، 'ދިރާގު ފުވައްމުލައް ރަން' ބާއްވަން ހަމަޖެހިފައިވަނީ 2 މެއި 2025 ގައެވެ.
މިއަދު 'ދިރާގު ފުވައްމުލައް ރަން' ލޯންޗްކުރުމަށް ފުވައްމުލަކު ސިޓީގައި ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން، ދިރާގުގެ ޗީފް ކޮމަރޝަލް އޮފިސާ، އަލީ ރިޔާޒް ވިދާޅުވިގޮތުގައި "މިއީ، ޑީއެމްއާރުއާރުގެ ދަށުން މާލޭން ބޭރުގައި ބާއްވާ ފުރުތަމަ ދުވުމަށްވެފައި، މިއީ ޑީއެމްއާރުއާރަށް ލިބިގެންދާ އިތުރު ކުރިއެރުމެކެވެ. އަދި ފުވައްމުލަކުގެ ތަފާތު ގުދުރަތީ ރީތިކަމާއި، ކުލަގަދަ ސަގާފަތާއި، ހޫނު މެހެމާންދާރީ ތަޖުރިބާ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އިތުރުން، ބައިނަލްއަގުވާމީ ގޮތުން ސަރޓިފައިޑް ރޫޓެއްގައި ދުވުމުގެ މަގު ފަހިކޮށްދިނުމަކީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް ކަމަށެވެ. މީގެ އިތުރުން، މި އިވެންޓްގެ ސަބަބުން ފުވައްމުލަކަކީ ދުވުންތެރިންނަށް ހާއްސަ މަންޒިލެއްގެ ގޮތުގައި މުޅި ދުނިޔެއަށް މަޝްއޫރުވެގެންދާނެއެވެ.
މި ދުވުން ފުވައްމުލަކުގައި ބޭއްވުމަށް ތައްޔާރުވެފައިވާ ވަރު ހިއްސާކުރައްވަމުން، ފުވައްމުލަކު ސިޓީގެ މޭޔަރ، އިސްމާއިލް ރަފީގް ވިދާޅުވިގޮތުގައި، ދިރާގުން ފުވައްމުލަކުގައި މި ދުވުން ބޭއްވުމަކީ މި ރަށަށް ލިބިގެންދާ ވަރަށް ބޮޑު ޝަރަފެކެވެ. އޭގެ އިތުރުން މި އިވެންޓުގެ ސަބަބުން، ފުވައްމުލަކުގެ ރީތިކަން މުޅި ދުނިޔެއަށް ދައްކާލުމުގެ ފުރުސަތު ލިބި، މި ސިޓީއަކީ ދިވެހި އަދި ބައިނަލްއަގުވާމީ ދުވުންތެރިންނަށް އެކަށޭނެ މަންޒިލެއްގެ ގޮތުގައި ފާހަގަވެގެންދާނެ ކަމަށް އުންމީދުކުރެވޭކަމަށެވެ. އަދި އޭނާ ވަނީ ރާއްޖެ އަދި ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި ދުވުންތެރިން 'ދިރާގު ފުވައްމުލައް ރަން' ގައި ބައިވެރިވެ މި ރަށުގެ ގުދުރަތީ ރީތިކަން ތަޖުރިބާކޮށްލުމަށް ދައުވަތުއަރުވާފައެވެ.
ދިރާގުން އަންނަނީ މި ދުވުން ކޮންމެ އަހަރަކުވެސް ބާއްވަމުންނެވެ. އަދި މިއީ އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ހިމެނޭ ރާއްޖޭގެ ހަމައެކަނި މުބާރާތެވެ. މިދިޔަ އަހަރު މި ރޭސް ބާއްވާފައިވަނީ ހުޅުމާލޭގައެވެ.