ކާށިދޫއިން ސީއެންއެމްއާ ވާހަކަ ދެއްކި މޫސާ ނަޝީދު (މޫޗީ) ބުނީ ކާށިދޫއަށް ގިނަ އަދަދެއްގެ ފުޅަނގި ރޭ ވެސް އަރާފައިވާކަމަށެވެ. އަދި އެންމެ ގިނައިން ފުޅަނގި އެރީ މި ނިމުނު ޖެނުއަރީ މަހުގެ ފަހުކޮޅު ކަމަށެވެ.
އޭނާ ބުނީ މީގެ 30 އަހަރު ދުވަސް ކުރިން "އުދަރެސް ކަޅުކޮށްލާ ވަރަށް" ކާށިދޫއަށް ފުޅަނގި އަރާފައިވާކަމަށެވެ.
ހުޅަނގު މޫސުމުގައި ކާށިދޫއަށް އަބަދުވެސް ފުޅަނގި އަރައެވެ.
ކާށިދޫއަށް ފުޅަނގި އަރަނީ އޮއިވަރަށް އަންނަ ބަދަލަކުން ކަމަށް އެރަށު މީހުން ބުނެއެވެ.
ކާށިދޫގައި ފުޅަނގި ބޭނުންކޮށްގެން ތަފާތު ބާވަތްތަކުގެ ކާބޯތަކެތި ވެސް އުފައްދައެވެ. މޫޗީ ބުނާގޮތުން އެރަށު މީހުން ކަނޑު މަހުން ތައްޔާރުކުރާ ހުރިހާ ބާވަތެއް ވެސް ފުޅަނގިން އުފައްދާކަމަށެވެ. އޭގެ ތެރޭގައި، ރިހަ، ގަރުދިޔަ، އަދި ތެލުލި މަސް ހިމެނެއެވެ.
މޫޗީ ބުނިގޮތުން މިވަގުތު ކާށިދޫގެ ބައެއް ގޭތަކުގެ އައިސް އަލަމާރި ފުރާލާފައި އޮތީ ފުޅަނގިންކަމަށެވެ.