މި މަސައްކަތް ފެށިފައިވަނީ ފުލުހުންގެ އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވުނު ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ޓެލެކޮމިއުނިކޭޝަން އޮތޯރިޓީއާއި، ދިރާގު، އުރީދޫ، ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް، ފަހި ޕޭ އަދި ވިލާ ޓްރެވަލްސްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ސްކޭމްގެ މައްސަލަތަކުގައި މަޢުލޫމާތު ހޯދުމުގައި ދިމާވާ ގޮންޖެހުންތަކާ މެދު މަޝްވަރާކޮށް، އެކަންކަމަށް ހައްލު ހޯދުމަށް މަސައްކަތްކުރުމަށް އެއްބަސްވެފައިވެއެވެ.
ފުލުހުން ބުނީ މި ބައްދަލުވުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނެވުނު ފަސްވަނަ އިސްލާހާ ގުޅިގެން ބޭއްވުނު ފުރަތަމަ ބައްދަލުވުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މި އިދާރާތަކުގެ މެދުގައި އޮންނަންވާނެ ގުޅުމާ މެދުވެސް މަޝްވަރާކުރެވުނު ކަމަށް ފުލުހުން އިތުރަށް ބުނެފައިވެއެވެ.
މި ބައްދަލުވުމުގައި ސްކޭމްގެ މައްސަލަތަކުގައި ތަހުގީގީ އިދާރާތަކަށް ބޭނުންވާ މަޢުލޫމާތު ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް އެޅިދާނެ ފިޔަވަޅުތަކާ މެދުވެސް ހިޔާލު ބަދަލުކުރެވުނެވެ.