
މި މައްސަލަ ފާހަގަވެފައިވަނީ އެ ސަރަހައްދުގައި އުޅޭ މީހުން މިދިޔަ ޑިސެމްބަރު މަހު ކައުންސިލަށް ޝަކުވާ ހުށަހެޅުމާ ގުޅިގެންނެވެ.
ރޯޝަނީމަގު ދުވާރު މަތީގެ ޕޭމަންޓް ގާ ތައް ނަގާފައި: ފޮޓޯ- ސީއެން އެމް( އަޒްމީ)
ކައުންސިލުން މިއަދު ކުރި ތަހުގީގުގައި، ރޯޝަނީ މަގުގައި ހަދާފައިވާ ޖަންކްޝަނެއްގެ ތެރެއަށް ނަޖިހާއި ތެލާއި އެހެނިހެން ތަކެތި އެޅޭ ގޮތަށް ހަދާފައިވާ ގެއެއް ފާހަގަކުރެވުނެވެ. މި ގޭގައި "ރިފާޒް ކެފޭ" ނަމުގައި ކެފޭއަކާއި ބިދޭސީންގެ އެކޮމަޑޭޝަން ބްލޮކެއް ހިންގަމުންދާކަން ވެސް ފާހަގަކުރެވުނެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވި ގޮތުގައި، މި ގެއާއި ކެފޭގެ އަދި އެކޮމަޑޭޝަން ބްލޮކްގެ ފާހާނާއާއި ސިންކު ހޮޅިތައް ވަނީ މަގުމަތީގައި ހުރި ޖަންކްޝަނާ ގުޅާފައެވެ. މިކަމުގެ ސަބަބުން އެ ސަރަހައްދުގައި ނުބައި ވަސް އުފެދި، ދިރިއުޅޭ މީހުންނަށް އުނދަގޫވަމުންދާކަން ފާހަގަކުރެއްވިއެވެ.
ކައުންސިލުން މިހާރު ވަނީ އެ ގެއިން މީހުން ނެރުމަށާއި، ބިދޭސީން ދިރިއުޅޭ ތަން ބަންދުކުރުމަށް އަންގާފައެވެ. އަދި އެ ކެފޭ ހިންގުމާއި ގޭގައި ދިރިއުޅުމުގެ ހުއްދަ ދެވޭނީ ނަޖިސް ބޭރުކުރާ ނިޒާމު ރަނގަޅުކުރުމަށްފަހު ކަމަށް ވެސް އަންގާފައިވެއެވެ.
މި މައްސަލަ ޙައްލުކުރުމަށް މާލެ ސިޓީ ކައުންސިލާއި، އެމްޑަބްލިޔުއެސްސީ އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ ގުޅިގެން މަސައްކަތްކުރާނެ ކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ. އަދި ކަމާބެހޭ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ގޭގެ ވެރިފަރާތުން ބުނެފައިވަނީ މިއީ ކެފޭ ހިންގާ ފަރާތުން ކުރި ކަމެއް ކަމަށާއި، މިކަން ކުރިކަން ގޭގެ ވެރިފަރާތަށް އަންގާފައި ނުވާ ކަމަށެވެ.