ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފޯރަމްގައި ބައިވެރިވި އިދާރާތަކުން އިއްތިފާގުވި އެއްކަމަކީ ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫން ކަމަށެވެ. އެހެންނަމަވެސް މައްސަލައަކީ ބަންދުކުރާ މީހުންގެ މައްސަލަތަކުގައި ޝަރީއަތުން ގޮތެއް ކަނޑަނޭޅި ދިގުލައިގެން ދިއުން ކަމަށް ވެސް ބުނެފައިވެއެވެ.
މި ފޯރަމްގައި ޖިނާއީ މައްސަލަތައް އަވަސްކުރުމަށް ވީޑިއޯ ކޮންފަރެންސިން ސިސްޓަމްތައް އިތުރުކުރުމާއި، ކޯޓުތަކުގެ އަޑުއެހުންތައް އޮންލައިން ޝެޑިއުލިންގ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
ފޯރަމްގެ ފުރަތަމަ ބައި ކުރިއަށް ގެންދިޔައީ ޖުޑީޝަރީ ފިޔަވައި ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ އެހެން އިދާރާތަކާ އެކުގައެވެ. ދެން އޮންނާނީ ޖުޑީޝަރީއާއެކު ކުރިއަށްގެންދާ ބައި ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. މި ފޯރަމްގައި ހޯދުނު ހައްލުތައް ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމުގެ ކުރިން ޖުޑީޝަރީއާ މަޝްވަރާކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.