ފުލުހުން ބުނީ މި ސަފާރީ އަތުލައިގަތީ މަހިބަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މިދިޔަ އާދިއްތަ ދުވަހު އދ. މަހިބަދޫ ސަރަޙައްދުގައި ހިންގުނު ހާއްސަ އޮޕަރޭޝަނެއްގައި ކަނޑުމަތިންކަމަށެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގައި، ދިއްގަރުފަޅާއި މަހިބަދުއާ ހިސާބުން ކަނޑުމަތިން ދޯންޏަކާއި ސަފާރީއެއް ބަލައިފާސްކުރި އިރު 1794 ފުޅި ބަނގުރާއާއި 1680 ދަޅު ބަނގުރާ ފެނިފައިވާކަމަށެވެ.
ފުލުހުން ބުނީ މި ތަކެއްޗަކީ ގަވާއިދާ އެއްގޮތަށް ބޮންޑެޑް ވެއަރހައުސްއިން ނެރެގެން ރިސޯޓަކަށް ގެންދަން އުޅުނު ތަކެތި ކަމަށެވެ. އެހެންނަމަވެސް މި ތަކެތި ސަފާރީއަށް އަރުވާފައިވަނީ ގަވާއިދާ ހިލާފަށްކަން މިހާތަނަށް ކުރެވިފައިވާ ތަހުގީގުން އެނގިފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް ފަރާތެއް ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ. އެހެންނަމަވެސް މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.