މި ހިދުމަތް ފެށުމަށް ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުންނެވެ.
މިހާތަނަށް އައްޑޫ ސިޓީގައި ޕާސްޕޯޓް ދޫކުރަމުން އައީ ހަފުތާގެ ރަސްމީ މަސައްކަތު ދުވަސްތަކުގައި އެކަންޏެވެ. ނަމަވެސް ރައްޔިތުންނަށް ފަސޭހަކަމާއެކު ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ހޮނިހިރު ދުވަހުވެސް މި ހިދުމަތް ދިނުމަށް ވަނީ ނިންމާފައެވެ.
އިމިގްރޭޝަނުން ބުނީ އައްޑޫގައި އަލަށް އަޅަމުންދާ އިމިގްރޭޝަން އޮފީހުގެ 65 ޕަސަންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މިއަހަރުގެ ނިޔަލަށް އާ އޮފީސް އިމާރާތުގެ މަސައްކަތް ނިންމައި، އެތަނުން ހިދުމަތް ދޭން ފެށޭނެކަމަށް އަންދާޒާކުރެއެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ޕާސްޕޯޓާއި އައިޑީ ކާޑުގެ ހިދުމަތް ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ލިބޭނެގޮތް ހެދުމަށް އިސްކަންދީފައެވެ. މިގޮތުން މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.