އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި މިއީ ތިން ބުރީގެ މިސްކިތެއް ކަމަށާއި، މި މިސްކިތުގައި ނަމާދުކުރާ ސަރަހައްދުގެ އިތުރުން ދީނީ އިލްމު އުނގަންނައިދިނުމަށް ކްލާސްތަކާއި ލައިބްރަރީއެއްވެސް ހިމެނޭނެއެވެ.
މި މަޝްރޫއު ފެށުމަށް ހަމަޖެހިފައިވަނީ މި އަންނަ ރޯދަ މަސް ނިމުމުން ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މި މަޝްރޫއަކީ ސަރުކާރުން އާބާދީ އިތުރުވަމުންދާ މިންވަރަށް ބަލައިގެން ކުރިއަށްގެންދާ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތުގެ ތެރެއިން ހިންގާ މަޝްރޫއެއް ކަމަށްވެސް ފާހަގަކުރިއެވެ.
މިދިޔަ އަހަރު މާލެ ސަރަހައްދުގައި 5 މިސްކިތް އަޅަން ހުއްދަ ދީފައިވާ ކަމަށާއި، އޭގެ އިތުރުން އަތޮޅުތެރޭގައި 4 މިސްކިތް އެޅުމުގެ ހުއްދަ ދީފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތު ދިނެވެ.