![](https://cnm.mv/media/images/Screenshot-2024-08-20-142450.jpg)
މިނިސްޓަރު އިހުސާން މިފަދައިން ވިދާޅުވީ ރިޔާސީ ބަޔާން 2025 ފޯރަމް"ގައި ވާހަކަ ދައްކަވަމުންނެވެ.
ޑްރަގް ބޭނުންކޮށްގެން މަގުމައްޗަށް ވެއްޓި ތިބޭ މަންޒަރު މިހާރު މަދުވާނެ ކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ އެ މީހުންނަށް ފަރުވާ ދެމުން އަންނަނީ ރިމާންޑް ސެންޓަރުން ކަމަށެވެ. އަދި މި ފޯރަމްގައި ވާހަކަ ދައްކަވަަމުން މިނިސްޓަރު ވަނީ ސަރުކާރާ ހަވާލުވިއިރުގައި ފަރުވާ ނުފެށި 700 މީހުން ތިބި ކަމަށާއި އޭގެ ތެރެއިން 85 އިންސައްތަ މީހުންނަށް ފަރުވާފެށި އަދި ބޮޑު ބަޔަކަށް ފަރުވާދީ ނިންމާފައިވާކަން ފާހަގަކުރައްވާފަ އެވެ.
އިހުސާން ވިދާޅުވީ މި ސަރުކާރަކީ އޯގާތެރިކަމާއެކުގައި މަގުމަތިވެފައި ތިބި ޒުވާނުންނާއި މުޖުތަމައުގެ ތެރޭގައި އަޅާނުލެވި ހަވާސާވެފައި ތިބި ޒުވާނުންނަށް އަޅާލާ ސަރުކާރެއް ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ޑްރަގް ޑިމާންޑް ދަށްކުރުމަށް ކުރަމުންދާ މަސައްކަތް މިއަހަރުގެ ތެރޭގައި ފެނިގެންދާނެ ކަމަށާއި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ކޮމިއުނިޓީ ބޭސްޑް ރީހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމަށްޓަކައި، ވައުދު ވެފައިވާ ގޮތަށް، ލ. ގަން، ނ. ވެލިދޫ އަދި ކ. ކާށިދޫގައި ގާއިމްކުރާ މަރުކަޒުތައް މިއަހަރުގެ ތެރޭގައި ހެދިގެންދާނެ ކަމަށެވެ.
ޑްރަގުގެ ވަބާ އޭގެ ޒާތުގައި ފެތުރި އޭގެ އަސަރުނެތް އެއްވެސް އާއިލާއެއް ރާއްޖޭގައި ނެތްކަން އހުސާންގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުށްކުރާ ގޭންގްތައް ހަދައިގެން ކުށްކުރުމުގެ ސަގާފަތެއް އޮތް ކަމަށާއި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ އަދަދު އޮތީ ނޭނގޭ ހިސާބެއްގައި ކަމަށްވެސް ހޯމް މިނިސްޓަރު ވިދާޅު ވި އެވެ.
ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ ބައޯމެޓްރިކްސް ނަގާ އެ މީހުން ގާނޫނުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ނިންމާލުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ހޯޕް އައިލެންޑްގެ މަސައްކަތުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށްވެސް މިނިސްޓަރު ފޯރަމްގައި ވިދާޅުވި އެވެ.