
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ 15 ފެބްރުއަރީ 2025 އިން ފެށިގެން ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހު ފިހާރަތަކާއި ކެފޭތަކުގެ ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.
މިގޮތުން ރޯދަ މަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ ހަވީރު 5:30 އިން މެންދަމު 3:00 އާ ހަމައަށެވެ. އަދި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހު ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ ފަތިހު 4:30 އިން މެންދަމު 3:00 އާ ހަމައަށެވެ.
މުދާ ވިއްކާ ތަންތަނާ ގުޅޭގޮތުން މިނިސްޓްރީން ނިންމާފައިވަނީ 15 ފެބްރުއަރީ 2025 އިން ފެށިގެން ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހު، މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30 އިން މެންދަމު 1:00 އާ ހަމައަށް ކަމަށެވެ.
މި އިއުލާނުގައި ވަނީ 24 ގަޑިއިރު ހިދުމަތްދިނުމުގެ ހުއްދަ ދޫކުރެވިފައިވާ ތަންތަން ހިމެނޭގޮތަށް، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހިންގާ ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނާއި މުދާ ވިއްކާ ތަންތަނުން މި ގަވާއިދަށް އަމަލުކުރަން ޖެހޭނެ ކަމަށް އާންމުކޮށް އަންގާ އިއުލާންކޮށްފައެވެ.