
ކަސްޓަމްސްއިން ބުނީ "އެކްޒޯޓިކް އެންޓަޕްރައިސަސް ބޮންޑަޑް ވެއަާ ހައުސް" ބަލާ ފާސްކުރިއިރު އެ ވެއާ ހައުސްގައި ހުންނަންޖެހޭ ޖުމްލަ 575 ކޭސް ސިގެރޭޓް ގަވައިދާ ހިލާފަށް ބޮންޑަޑް ވެއާ ހައުސް އިން ނެރެފައިވާވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި އިތުރު ބޮންޑަޑް ވެއާ ހައުސްއެއް ކަމަށްވާ "އެސއެމްޖީ ބޮންޑަޑް ވެއާ ހައުސްއިން" އިން ޕައިޕް ޓޮބޭކޯ އަދި ސިގެރޭޓް ހިމެނޭ ޖުމްލަ 380 ކޭސް ވަނީ އެތަނުން ގަވައިދާ ހިލާފަށް ނެރިފައެވެ.
އެކްޒޯޓިކް އެންޓަޕްރައިސްއިން ގަވައިދާ ހިލާފަށް ނެރެފައިވަނީ ކެމަލް ޔެލޯ ބްރޭންޑްގެ 165 ކޭސް ސިގެރޭޓާއި، އެމެއެރިކަން ލެޖެންޑް ބްރޭންޑްގެ 110 ކޭސް ސިގެރޭޓާ މެންޗެސްޓާ ރޯޔަލް ރެޑް ބްރޭންޑްގެ 300 ސިގިރޭޓެވެ. އަދި އެސްއެމްޖީއިން ނެރެފައިވަނީ އެމެރިކަން ލެޖެންޑް ބްރޭންޑްގެ 250 ސިގެރޭޓް ކޭސް އަދި އަފްޒަލް މޮލާސެސް ބްރޭންޑްގެ 130 ކޭސް ޕައިޕް ޓޮބާކޯ ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެއެވެ.
މި ދެ މައްސަލަވެސް ފުލުހުން ތަހުގީގުކުރަމުންދާއިރު ކަސްޓަމްސްއަށް ދައްކަން ޖެހޭ 1.6 މިލިއަން ރުފިޔާ ޝަރީއަތް މެދުވެރިކޮށް ހޯދުމަށްޓަކައި ، 2 މައްލަަވެސް އޭޖީ އޮފީހަށް މިހާރު ފޮނުވާފައިވާކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ. އެގޮތުން އެކްޒޯޓިކް އެންޓަޕްރައިސަސް ބޮންޑަޑް ވެއާ ހައުސް އިން ކަސްޓަމްސްއަށް ދައްކަން ޖެހެނީ 47،182،011.86 ރުފިޔާއެވެ. އެސްއެމްޖީއިން ކަސްޓަމްސް އަށް ދައްކަން ޖެހެނީ 20،720،412.54 ރުފިޔާއެވެ.
މީގެކުރީގައި އަމިއްލަ ގޭގޭގައި ބޮންޑެޑް ވެއާހައުސްތައް ހިންގޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް، މީގެ ފަހުން އެފަދަ ގުދަންތައް ހިންގޭނީ ކަސްޓަމްސްގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ސަރަހައްދުތަކުގައި އެކަނި ކަމުގައި މިހާރު ވަނީ ކަނޑައަޅާ އިސްލާހު ގެނެސްފައެވެ.