އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ހަރަދު ކުޑަކުރުމަށް އަޅަން ނިންމި ފިޔަވަޅުތައް މިހާރު ވަނީ އަނބުރާ ލައިފައެވެ. އޭގެ ތެރޭގައި އަސާސީ ޕެންޝަން ހަމައެކަނި ހައްގުވެރިންނަށް ދިނުމާއި ސަބްސިޑީތަކަށް ގެންނަން ރޭވި ބަދަލުތައް ހިމެނެއެވެ.
ސަރުކާރު ކުންފުނިތަކަށް މުވައްޒަފުންނާއި ސިޔާސީ މީހުން އިތުރުވަމުން އަންނަ ކަމަށް އަމީރު ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުން މި އަހަރު އަނެއްކާވެސް ހަތް ބިލިއަން ރުފިޔާގެ އިތުރު ބަޖެޓެއް ހުށަހަޅަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި އަހަރަށް ފާސްކުރި 49.8 ބިލިއަން ރުފިޔާގެ ބަޖެޓަށް މިހާރުވެސް ވަނީ 5.1 ބިލިއަން ރުފިޔާގެ އިތުރު ބަޖެޓެއް ހުށަހަޅައި ފާސްކޮށްފައެވެ. މިއާއެކު މުޅި ބަޖެޓު ވަނީ 55 ބިލިއަން ރުފިޔާއަށް އަރައިފައެވެ.